02 Dec 2018, 12:03
ސިޔާމް މައުރޫފް ސޮކާކަޕް 2018ގެ ގްރޫޕް އޭގައި އިއްޔެ މަގޫދޫގެ މައްޗަށް މަނަދޫ ކުރި ހޯދައިފި އެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް މަނަދޫއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ މަނަދޫގެ ޖާޒީ ނަމްބަރު 13 އަލީ ޝިޔާޒެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މަގޫދޫގެ ޖާޒީ ނަމްބަރު 22 އަބްދުﷲ އިނާޔަތު ކާމިޔާބު ކުރި ގޯލަކުން ނަތީޖާ ހަމަ ހަމަ ކުރި އެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް މަނަދޫއިން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޯލުތައް ކާމިޔާބުކޮށްދިނީ މަނަދޫގެ ޖާޒީ ނަމްބަރު 10 ރައުފަތު އަބޫބަކުރު އަދި ޖާޒީ ނަމްބަރު 19 އަމްދާހު އަލީ އެެވެ.
މޭން އޮފް ދަ މެޗް ކަމަށް ހޮވުނީ މަނަދޫގެ ރައުފަތު އަބޫބަކުރު އެވެ.
މި ނާތީޖާއާ އެކު ގްރޫޕް އޭގައި މަނަދޫ ވަނީ ޕޮއިންޓުގެ ގޮތުން ހެނބަދޫއާ އެއްވަރު ކޮށްފަ އެވެ.
ގްރޫޕް އޭ
މިލަދޫ (6 ޕޮއިންޓު)
- ކެނދިކުޅުދޫ (4 ޕޮއިންޓު)
- ހެނބަދޫ (3 ޕޮއިންޓު)
- މަނަދޫ (3 ޕޮއިންޓު)
- މާޅެންދޫ (1 ޕޮއިންޓު)
- މަގޫދޫ (0 ޕޮއިންޓު)
ގްރޫޕް ބީ
ހޮޅުދޫ (3 ޕޮއިންޓު)
- ލަންދޫ (3 ޕޮއިންޓު)
- ވެލިދޫ (0 ޕޮއިންޓު)
- މާފަރު (0 ޕޮއިންޓު)
- ކުޑަފަރި (0 ޕޮއިންޓު)
ސިޔާމް މައުރޫފް ކަޕުގައި މިއަދު ބައްދަލު ކުރާނީ ވެލިދޫ އާއި ކުޑަފަރި އެވެ.