ދުވާލަކު 860 މެޓްރިކް ޓަނުގެ ޕްލާސްޓިކް ރާއްޖޭގެ ކަނޑުތަކަށް އަޅާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މިއަދު އެ އޮފީހުގައި ފެށި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށެވެ.

"ޕްލާސްޓިކް ކޮތަޅާ ޕްލާސްޓިކް ފުޅިޔާ، ތަކެތި ބަންދުކުރަން ގެންގުޅޭ ޕްލާސްޓިކް ރެފިންގްސް މީގެ ތެރޭ ހިމެނޭ. ހަމައެކަނި މާލޭގައިވެސް ދުވާލަކަށް ދެލައްކަ އައްޑިހަ ހާސް ޕްލާސްޓިކް ފެންފުޅި ބޭނުން ކުރެވޭ. މި ފުޅިތަކަކީ ނަން ބަޔޮޑިގްރޭޑަބަލް އެއްޗެއްސެއް ނޫން. އޭގެ ބޮޑުބަޔެއް ނިމިގެންދަނީ ކަނޑަށް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސްގެން ނޫނީ މިކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

ސިންގަލްޔޫސް ޕްލާސްޓިކް ބެނުންކުރުން މަދުކޮށް ޕްލާސްޓިކް ކޮތަޅާއި ފުޅި ރައީސް އޮފީހުގައި ބޭނުންކުން މިއަދު ހުއްޓަލީ މި ސަބަބުތަކަށްޓަކާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުފަޅާއި ފަރުތައް އަގި ގިރިތަކަކީ އިގްތިސާދާ ގުޅިފައިވާ ގުދުރަތީ ވަސީލަތްތައް ކަމަށާއި ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ނަމަވެސް ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓު އޮތީ ރާއްޖޭގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޓޫރިޒަމް އާއި މަސްވެރިކަންވެސް ކަނޑު ފަޅާއި ފަރުތަކަށް ބަރޯސާވާއިރު، އެތަންތަނާމެދު ފަރުވާކުޑަކުރެވިފައިވާކަމަށެވެ.

ރާއްޖޭގައި އުފެދޭ ޕްލާސްޓިކް ކުނީގެ ބޮޑުބަޔެއް ނިމިދަނީ ކަނޑަށް ކަމަށާއި އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ބޮޑު އަސަރެއް ކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކަނޑަށް އެޅޭ ކުނި ގިނަވުމަކީ ގެއްލުމެއް. އޭގެ ތެރެއިން އެންމެ ގިނައީ ޕްލާސްޓިކް. މި ޕްލާސްތިކްތައް ކަނޑުގައި އުޅޭ މަސްތައް ކައި ހަދާ. ޕްލާސްތިކްގައި ހިމެނޭ ވިހަ މައްދާތައް މަހުގެ ޒަރިއްޔާ އިން ފުޑްޗެއިން އަށް ވަދޭ،" ރައީސް ވިދާޅުވިއެވެ.

ސިންގަލްޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމުތައް އިތުރު އޮފީސްތަކުގައި ހިންގަން ނިންމާފައިވާކަން ރައީސް މިއަދު އިއުލާނު ކުރެއްވިއެވެ.

ރައީސް އޮފީހުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެ އޮފީހުގެ މުވައްޒަފުންނަށް މަލްޓި ޔޫސް ފެންފުޅި ދޭގޮތަށްވެސް ވަނީ ނިންމައިފައެވެ.