ކެރަމްގައި ކުޅުވޭ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމުގައިވާ 22 ވަނަ ޤައުމީ ކެރަމް މުބާރާތް އަންނަ މަހުގެ 25ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު 27ގައި އަލަށް އިންތިޚާބުކުރެވުނު ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން އެސޯސިއޭޝަންގެ ހިންގުމުގެ އޮނިގަނޑަށް ގެންނެވި ގިނަ ގުނަ ބަދަލުތަކާ އެކު އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ވަނީ ކެރަމްގެ ގިނަ މުބާރާތްތަކަކާއި އެކްޓިވިޓީތަކެއް ހިންގާފަ އެވެ.

މިއަހަރުގެ މާޗް އިން އޮކްޓޯބަގެ ނިޔަލަށް ކެރަމް ސީޒަނެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ އެކިއެކި އެކްޓިވިޓީސްތަކުގެ ތެރޭގައި ބައިނަލް އަޤްވާމީ ބޮޑު ދެ މުބާރާތެއް މި އަހަރު ރާއްޖޭގައި ވަނީ ބާއްވާފަ އެވެ. ކެރަމް ސީޒަންނިންމާލުމަށް ހަމަޖެހިފައި ވަނީ ޤައުމީ ކެރަމް މުބާރާތުން ކަން ފާހާގަކުރެވެ އެވެ.

ބާވީސް ވަނަ ޤައުމީ ކެރަމް މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުރިހާ އުމުރު ފުރައަކަށް ހުޅުވާލާފައި ވާއިރު، ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސްގެ އިތުރުން ޓީމް އިވެންޓުގެ މެޗްތައް ހިމަނާގެން ކަމަށެވެ.

އެކި ވަނަތަކަށް ފައިސާގެ އިނާމާއި ތައްޓާއި ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޕްރިމިއާ ޑިވިޝަންގެ ސިންގަލްސް ފައިނަލް މިދިޔަ އަހަރެކޭ އެއްގޮތައް އެމްއެންބީސީ ވަން އިން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި ކެރަމް ހޯލުން ނާއި ކެރަމް އެސޯސިއޭޝަންގެ އޮފީހުން މުބާރާތުގައި ބައިވެރި ވުމުގެ ފޯމު މިހާރު ލިބެން ހުނާނެ ކަމަށާއި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީޚަކީ 22 އޮކްޓޯބަރ 2011 އެވެ.