ގއ. ވިލިނގިލީ ޕޮލިސްޓޭޝަންގެ، ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެ ހާދިސާ ހިނގީ މިރޭ 1:30 އެހައިކަންހާއިރުއެވެ.

ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން "ސަން" އަށް ވިދާޅުވީ ބެލެވޭގޮތުގައި އެ އިމާރާތުގައި ރޯވީ ދެ ފުލުހަކު ނިދާފައި ތިބި ކޮޓަރީއެއްގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮޓަރީގައި ނިދާފައި ތިބި ދެ ފުލުހުންނަށް އަނިޔާވެ، ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދެ ފުލުހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނޭނގެއެވެ.

އެ އިމާރާތުގެ ކޮޓަރިއެއްގައި ރޯވާން ފެށި އަލިފާން ކޮންޓްރޯލް ނުވެ، މުޅި އިމާރާތަށް ވަނީ ފެތުރިފައެވެ. އެ އިމާރާތުގައި ޖުމްލަ ފަސް ބްލޮކް ހުރެއެވެ.

އެ އިމާރާތް ކައިރީ އަމިއްލަ ވިޔަފާރިވެރިއެއްގެ ތެޔޮ ވިއްކާ ތަނެއް ހުރެއެވެ.

ފުލުހުންނާއި ބައެއް ކައުންސިލަރުންނާއި އަދި އާންމު ރައްޔިތުން ގުޅިގެން އަންނަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.

"މޫދަށް ޕަންޕު ގުޅައިގެން އަލިފާން ނިއްވުމުގެ މަސައްކަތް މިކުރަނީ. މިހާރު މުޅި އިމާރާތް އެއްކޮށް ވަނީ އަނދާފައި. މަސައްކަތް މިކުރަނީ އެ އިމާރާތާ އިންވެގެން ހުރި ކަސްޓަމްސްގެ އިމާރާތަށް ނުފެތުރެނީވެސް އަލިފާން ގަނޑު ނިއްވާލެވޭތޯ،" ހަބީބު ވިދާޅުވިއެވެ.