ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމާ ގުޅިގެން ގުޅިފައިވާ ޕާޓީތަކަށް މީގެ ކުރިން އެއްބަސްވެވިފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ އެ ޕާޓީގެ ބިލެއްދޫ ދާއިރާގެ ރައީސް އަހްމަދު ހަމްޒާ ވަނީ މަޖިލީހަށް ކުރިމަތިލާން ކޯލިޝަންގެ ލީޑަރުން އެއްބަސްވުމެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ.

"މިހާރު ތި ގެނެއްސަ އޮތް ލިޔުމަކީ ނުވަތަ މިތަނަށް ޑްރާފްޓެއްގެ ގޮތުގައި ގެންނަވާފައި އޮތް ގެންނެވުމަކީ އެއީކީއެއް ފަށައިގަންނަން ވެސް ނުވަތަ ސްޓާޓިން ޕޮއިންޓަކަށް ވެސް ބަގޫލު ކުރެވޭނެ އެއްޗެއް ނޫން. އޭގައި އަޅުގަނޑުމެންނަށް ވާދަ ކުރެވޭނެ އޮތީ 14 ދާއިރާ އަށް. ކޯލިޝަންގެ ބޭފުޅުން ވާދަ ނުކުރައްވާ 14 ދާއިރާ އޮތީ. އެ 14 ދާއިރާއަށް ވެސް އެ ކޯލިޝަންގެ ނަމުގައި އެހެން ބޭބޭފުޅުން ވާދަ ކުރައްވާނެ. އެހެންވީމަ އަޅުގަނޑުމެންނަށްތި އެއްބަސްވުމަކުންލިބުނު ކާމިޔާބީއެއް އަޅުގަނޑަކަށް ނުވިސްނޭ،" އޭނާ ވިދާޅުވި އެވެ.

އޭނާއަށް ފުރުސަތު ދެއްވުމަށް ފަހު ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ހަސަން ލަތީފު ވިދާޅުވީ ހަމްޒާގެ ވާހަކައިގައި ހަގީގަތާ ހިލާފު މައުލޫމާތެއް ހިމެނޭ ކަމަށެވެ.

"އެއްބަސްވުމެއް ކަމަށް ވިދާޅުވެ، މި ލިޔުމަށް އިށާރާތް ކުރައްވައި ދެއްކެވި ވާހަކަ އެއީ ހަގީގަތެއް ނޫން. މިއީކީއެއް އެއްބަސްވުމެއް ނޫން." ހަސަން ލަތީފު ވިދާޅުވި އެވެ.

އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ރިޔާސީ އިންތިހާބަށް ވާދަކޮށް ސަރުކާރެއް އެކުލަވާލަވާލާނެ ގޮތާ މެދު ސިއްރު އެއްބަސްވުމެއް ވެފައިވާ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފަ އެވެ. އަދި އެ "އެއްބަސްވުން" ވަނީ ލީކު ވެސް ކޮށްލާފަ އެވެ.

ނަމަވެސް، މިރޭ ހަސަން ލަތީފު ވަނީ، މީގެ ކުރިން ކޯލިޝަންގެ ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވަނީ ލީކު ކޮށްލި އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޮތީ ހަމަ އެކަނި އޭނާއާ ރައީސް ސޯލިހުގެ ސޮއި ކަން ފާހަގަ ކުރައްވާފަ އެވެ.

އެމްޑީޕީގެ ސެކެޓްރިއެޓުން ގައުމީ މަޖިލީހަށް ހުށަހެޅި ލިޔުމުގައި ވަނީ އެމްޑީޕީން މަޖިލީހުގެ 14 ދާއިރާއަށް ކުރިމަތިލާން ހުށަހަޅާފަ އެވެ. އެކަން ބަހުސަށް ހުޅުވާލި އިިރު، އެކަމަށް ތާއީދު ލިބިފައި ނުވެ އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާން ހުށަހަޅާފަ އެވެ. އެ ހުށަހެޅުމަށް ވޯޓަށް ހުޅުވާލުމުން ހާޒިރުވެ ތިއްބެވި 80 ބޭފުޅުންގެ ތެރެއިން 79 ބޭފުޅުން ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ. އެހެން ކަމުން އެ ހުށަހެޅުން ވަނީ ފާސްވެފަ އެވެ.

ލީކު ކޮށްލި ލިޔުމުގައި ވަނީ

  • ރިޔާސީ ޓިކެޓު އެމްޑީޕީއަށް އަދި ރަނިންމޭޓުކަން ޖޭޕީއަށް ދިނުމަށް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖޭޕީއަށް އަދި މަޖިލީހުގެ ނައިބު ރައީސްކަން ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކަށް ދިނުމަށް
  • ސަރުކާރުގެ މަގާމުތަކާއި މަޖިލީހާއި ކައުންސިލްތައް ބަހާލާއިރު އެމްޑީޕީއަށް 40 ޕަސެންޓް، ޖޭޕީއަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 20 ޕަސެންޓު އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް

ނަމަވެސް، މިރޭ ހަސަން ލަތީފު ވަނީ، މީގެ ކުރިން ކޯލިޝަންގެ ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވަނީ ލީކު ކޮށްލި އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޮތީ ހަމަ އެކަނި އޭނާއާ ރައީސް ސޯލިހުގެ ސޮއި ކަން ފާހަގަ ކުރައްވާފަ އެވެ.