01 Dec 2018, 23:17
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 87 ގޮނޑިއަށް ކުރިމަތިލުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ.
ނަޝީދު މިގޮތަށް ތާއީދު ކުރެއްވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ނަޝީދު ވިދާޅުވީ ޕަޓީގެ މަސްލަހަތު އޮތީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ކަމަށް ވާތީ ހުރިހާ އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވެސް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ތާއީދު ކުރާ ކަމަށެވެ.
"ޕާޓީގެ އެންމެ ބޮޑު މަސްލަހަތު އޮތީ 87 ގޮނޑިއަށް ވާދަކުރުމަށް އަޅުގަނޑަށް ފެންނާތީ، އަޅުގަނޑުވެސް ތާއީދު ކުރަނީ 87 ގޮނޑިއަށް [ވާދަ ކުރުމަށް] ތާއީދުކުރަން ހުށަހަޅާން،" އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ސެކްރިޓޭރިއޭޓުން ފުރަތަމަ ހުށަހެޅީ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ 14 ގޮނޑިއަށް ވާދަ ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ތާއީދެއް ނުކުރެއެވެ. އެބޭފުޅުން ވިދާޅުވީ އެއީ އެ ޕާޓީއަށް ހައްގު މިންވަރު ނޫން ކަމަށާއި ހުރިހާ ދާއިރާ އަކަށް ވެސް އެމްޑީޕީ އިން ވާދަކުރެވެން ޖެހޭނެ ކަމަށެވެ.

އެމްޑީޕީ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އެ ޕާޓީ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ: އެމަނިކުފާން ވަނީ އެ ޕާޓީ އިން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ތާއީދު ކޮށްފައި -- ސަން ފޮޓޯ/އަވްޝަން
ނަޝީދު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިިޝަންގެ އެނެއް ތިން ލީޑަރުންނާ އެކު މަޝްވަރާތައް ކުރިޔަށް ދިޔުމުގެ ކުރިން ވަކިވަކިވަކިން ވެސް މަޝްވަރާ ކުރެއްވި ކަމަށާއި އެބޭފުޅުން ވާހަކަ ދެއްކެވީ އެމްޑީޕީއަށް 40 ޕަސެންޓް ދިނުމަށް އެޕާޓީން އެއްބަސް ވުމަށް ކަމަށެވެ.
"އަޅުގަނޑަށް އެ އަދަދު 35 ގޮނޑިއަށް ވާތީ. އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށް ނުދެކެވޭތީ، އެއަދަދަށް ވާދަކުރުމަށް އަޅުގަނޑުމެންނަކަށް އެއްބަސް ނުވެވުނު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ފަހުން ތިން ލީޑަރުންނާ އެކު ބޭއްވި މަޝްވަރާ ތަކުގައި ވާހަކަ ދެކެވުނީ އިއްތިހާދުން 42 ގޮނޑިއަށް ވާދަކުރަން ކަމަށާއި އޭގެތެރެއިން އެމްޑީޕީ ވާދަކުރަން ވާހަކަ ދެކެވުނީ 14 ގޮނޑިއަށް ކަމަށެވެ. އަދި "ބާކީ ހުރި 27 ގޮނޑި އަނެއް ތިން ޕާޓީއަށް" ދިނުމަށް ވާހަކަދެކެވުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއިން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނަޝީދު ހުށަހެޅި ހުށަޅުން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ތާއިދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓުންނެވެ.
އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ރިޔާސީ އިންތިހާބަށް ވާދަކޮށް ސަރުކާރެއް އެކުލަވާލަވާލާނެ ގޮތާ މެދު ސިއްރު އެއްބަސްވުމެއް ވެފައިވާ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފަ އެވެ. އަދި އެ "އެއްބަސްވުން" ވަނީ ލީކު ވެސް ކޮށްލާފަ އެވެ.
ލީކު ކޮށްލި ލިޔުމުގައި ވަނީ
ރިޔާސީ ޓިކެޓު އެމްޑީޕީއަށް އަދި ރަނިންމޭޓުކަން ޖޭޕީއަށް ދިނުމަށް
- ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖޭޕީއަށް އަދި މަޖިލީހުގެ ނައިބު ރައީސްކަން ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކަށް ދިނުމަށް
- ސަރުކާރުގެ މަގާމުތަކާއި މަޖިލީހާއި ކައުންސިލްތައް ބަހާލާއިރު އެމްޑީޕީއަށް 40 އިންސައްތަ، ޖޭޕީއަށް 25 އިންސައްތަ، ރައީސް މައުމޫނަށް 20 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތަ ދިނުމަށް
ނަމަވެސް، މިރޭ ހަސަން ލަތީފު ވަނީ، މީގެ ކުރިން ކޯލިޝަންގެ ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވަނީ ލީކު ކޮށްލި އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޮތީ ހަމަ އެކަނި އޭނާއާ ރައީސް ސޯލިހުގެ ސޮއި ކަން ފާހަގަ ކުރައްވާފަ އެވެ.