01 Dec 2018, 23:28
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީން އެގޮތަށް ފާސްކުރީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެގޮތަށް ހުށަހަޅެއްވުމުންނެވެ.
ނަޝީދުގެ ހުށަހެޅުމުގައި ބުނެފައިވަނީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ހުރިހާ އިންތިހާބީ ދާއިރާތަކަށް ވާދަކުރުމަށް ގައުމީ މަޖިލީހުން އެއްބަސްވެ އިގުރާރުވާ ކަމަށެވެ.
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ތާއިދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ގައުމީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުން ވަނީ އެމްޑީޕީން ހުރިހާ ދާއިރާތަކަށް ވާދަކުރުމަށް ތާއިދުކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި އެކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައި ނުވާއިރު ބައެއް މެންބަރުން ވަނީ ކޯލިޝަނަށް ލޮޅުމެއް އަރާފާނެތީ ހަތަރު ލީޑަރުންގެ މެދުގައި އިތުރަށް މަޝްވަރާކޮށް އެއްބަސް ވެވޭ ގޮތެއް ހޯދުމަށެވެ.
ނަމަވެސް ހުށަހެޅުންތައް ހުށަހަޅަން ހުޅުވާލި ވަގުތުގައި، ނަޝީދު ފިޔަވައި އެހެން އެއްވެސް މެންބަރަކު ހުށަހެޅުމެއް ހުށަހަޅާފަ އެއް ނުވެ އެވެ.
އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ރިޔާސީ އިންތިހާބަށް ވާދަކޮށް ސަރުކާރެއް އެކުލަވާލަވާލާނެ ގޮތާ މެދު ސިއްރު އެއްބަސްވުމެއް ވެފައިވާ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފަ އެވެ. އަދި އެ "އެއްބަސްވުން" ވަނީ ލީކު ވެސް ކޮށްލާފަ އެވެ.
ލީކު ކޮށްލި ލިޔުމުގައި ވަނީ
ރިޔާސީ ޓިކެޓު އެމްޑީޕީއަށް އަދި ރަނިންމޭޓުކަން ޖޭޕީއަށް ދިނުމަށް
- ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖޭޕީއަށް އަދި މަޖިލީހުގެ ނައިބު ރައީސްކަން ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކަށް ދިނުމަށް
- ސަރުކާރުގެ މަގާމުތަކާއި މަޖިލީހާއި ކައުންސިލްތައް ބަހާލާއިރު އެމްޑީޕީއަށް 40 ޕަސެންޓް، ޖޭޕީއަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 20 ޕަސެންޓު އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް
ނަމަވެސް، މިރޭ ހަސަން ލަތީފު ވަނީ، މީގެ ކުރިން ކޯލިޝަންގެ ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވަނީ ލީކު ކޮށްލި އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޮތީ ހަމަ އެކަނި އޭނާއާ ރައީސް ސޯލިހުގެ ސޮއި ކަން ފާހަގަ ކުރައްވާފަ އެވެ.