01 Dec 2018, 21:29
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު، އެމަނިކުފާނަށް މަރުގެ އިންޒާރު ދިން މީހާގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި، ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޖަމީލަށް މަރުގެ އިންޒާރު ދިނީ އޭނާ ދ. މާއެނބޫދޫ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
އެމަނިކުފާނު އެ ރަށަށް ފައިބައި ވަޑައިގަންނަވަނިކޮށް، އެ ރަށު ބަނދަރުގައި އެހެލާފައި އޮތް ލޯންޗެއްގެ ކައިރީގައި ތިބެ، އެ ރަށު ބަނަފްސާގެ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކާއި އިތުރު މީހަކު ވަނީ ޑރ. ޖަމީލު މަރާލާނެ ކަމަށާއި އޭނާގެ އާއިލާ އަށް ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އެ މައްސަލައިގައި އަބްދުﷲ ރަޝީދުގެ މައްޗަށް ދައުވާ ކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުންނެވެ. އެ ދައުވާ އަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
އެ މައްސަލަ ބެލީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. މިދިޔަ ސެޕްޓޭމްބަރު މަގުގެ 30 ވަނަ ދުވަހު ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ހަ މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޑރ. ޖަމީލް ރައީސް ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ރާއްޖޭގެ ނައިބު ރައީސް ކަން ކުރައްވާފަ އެވެ. ނަމަވެސް، ރައީސް ޔާމީނާ އޭނާއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމަށް ފަހު އޭނާގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރި އެވެ. އެއަށް ފަހު އޭނާ ވަޑައިގެންނެވީ ރާއްޖެއިން ބޭރަށެވެ. މިހާރު ޑރ. ޖަމީލް ހުންނެވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.