މާލޭ ބަސް ޓާމިނަލާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތައް މަޑުކުރާނެ ބަސް ސްޓޮޕުތައް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެވަޑައިގެންނެވި ވައުދު މިއަދު ފުއްދައިފި އެވެ.

ބަސް ސްޓޮޕްތައް ގާއިމްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހަދަން ނިންމާފައި ވަނީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގަ އެވެ.

އެ ވައުދު މި ސަރުކާރުގެ 15 ވަނަ ދުވަހުގައި ފުއްދާފައިވާ އިރު މިއަދު ވަނީ ޖުމްލަ ނުވަ ބަސް ސްޓޮޕުގެ ހިދުމަތް ފަށާފަ އެވެ. އޭގެ ތެރެއިން ދެ ބަސް ސްޓޮޕު ހުންނަނީ މާލޭ ބޮޑުތަކުރުފާނު މަގުގަ އެވެ. އެއީ އެސްޓީއޯ ރެޑީމިކްސް ކައިރީ ހުންނަ ބަސް ސްޓޮޕާއި ދަރުބާރުގެ ކައިރީގައި ހުންނަ ބަސް ސްޓޮޕެވެ.

1 ޑިސެމްބަރު 2018: އަލަށް ގާއިމް ކުރި ބަސް ސްޓޮޕުތައް ބޭނުން ކުރަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ހުޅުމާލޭގެ ބަސް ސްޓޮޕުތަކަށް ބަލާއިރު ނިރޮޅު މަގުގައި ހަތަރު ބަސް ސްޓޮޕު ވަނީ ބަހައްޓާފަ އެވެ. އެގޮތުން، ނިރޮޅު މަަގު ހުދުމާ ކައިރީގައި އާއި، ޗައިނާ ޓައުންގައި އާއި ދިރާގު ކައިރީގައި ބަސް ސްޓޮޕުތައް ވަނީ ބަހައްޓާފަ އެވެ. އަދި އެ މަގުގައި ހުންނަ ހުޅުމާލޭ މެއިން ބަސް ސްޓޮޕަށް ވެސް ބްރިޖު ބަސް މަޑު ކުރާނެ އެވެ. ކުރިކީލަ މަގުގައި ހުންނަ ރެޑް ވޭވް މޯލް ކައިރީގައި ވެސް ބަސް ސްޓޮޕެއް ވަނީ ގާއިމް ކޮށްފަ އެވެ. އަދި ރީތި ގަސް މަގުގައި ހުންނަ އަމިން އެވެނިއުގައި އާއި އެމްއެންޑީއެފް ފަލެޓުތައް ކައިރީގައި ވެސް ވަނީ ބަސް ސްޓޮޕެއް ގާއިމް ކޮށްފަ އެވެ.

އެ ބަސް ސްޓޮޕުތަކުގެ ހިދުމަތް މިއަދު ފަށާފައިވާއިރު މިއަދު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އެ ބަސް ސްޓޮޕުތައް ބައްލަވާލައްވާފަ އެވެ.

1 ޑިސެމްބަރު 2018: ބަސް ސްޓޮޕްތައް ބައްލަވާލެއްވުމަށް ފަހު ޓްރާންސްޕޯޓު މިނިސްޓަރު އަައިޝަތު ނަހުލާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މިނިސްޓަރު ނަހުލާ ވިދާޅުވީ، ބަސް ސްޓޮޕުތަކުގެ ހިދުމަތް ފެށުމާ އެކު ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މާލެ ތެރޭގައި ވެސް ބަހުގެ ހިދުމަތް ފަށަން ރާވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކުޑަ ބަސްތަކެއް ގެންނަވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

މާލޭގެ އިތުރުން މުޅި ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ވެސް ބަހުގެ ހިދުމަތް ދޭން ރާވަމުން އަންނަ ކަމަށް ނަހުލާ ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީގައި ބަހުގެ ހިދުމަތް ދޭނެ ގޮތް ރޭވުމަށް މިރޭ އެ ސިޓީއަށް ފުރާވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ފުވައްމުލަކަށް ވެސް ފުރާވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން ސަރަހައްދެއް ކަނޑައެޅުމަކީ ވެސް ރައީސް ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ބޭނުންވާ ހުރިހާ ކަމެއް ރާވާފައިވާ ކަމަށާއި މިހާރު ދަނީ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް ޓްރާންސްޕޯޓު މިިނިސްޓްރީން ވަނީ ބުނެފަ އެވެ.