އަލިފާން ނިއްވުމުގައި ސައިކަލް ބޭނުންކުރަން ފަށައިފިއެވެ.

އެ ޚިދުމަތް ތައާރަފްކޮށްފައި ވަނީ މިއަދު ސެނެހިޔާ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވުމުގައި ބޭނުންކުރަނީ ދެ ސައިކަލް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި މިއަދު ތައާރަފްކުރި ދެ ސައިކަލުގެ ސަބަބުން މާލޭގައި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ވެހިކަލްތަކަށް ނުވަދެވޭ ހަނި މަގުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް އަވަސްކަމާ އެކު އަލިފާން ނިއްވުމުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަން ވަނީ ފާހަގަކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި މިހާރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ 2018" ގެ ހަރަކާތެއްވަނީ ދައްކާލާފައެވެ. މިގޮތުން އަލިފާން ރޯވެފައިވާ ކާރެއްގެ އަލިފާން ނިއްވުމުގައި މި ދެ ސައިކަލް ބޭނުންކޮށްގެން ހަރަކާތްތެރިވާތަން ވަނީ ދައްކާލާފައިވެއެވެ.

މިއަދު ތައާރަފް ކުރި މި ދެ ސައިކަލަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގުގެ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ތެރެއިން ދިރާގުން ހަދިޔާކޮށްފައިވާ ދެ ސައިކަލެވެ. މި ސައިކަލުތަކަކީ ޗީފް އޮފް ޑިފެންސް ފޯސްގެ ހިޔާލުފުޅާއި އެއްގޮތްވާގޮތުގެ މަތިން ފަރުމާކުރެވިފާ ދެ ސައިކަލެވެ.

ފަޔާ ސައިކަލު ފަރުމާކުރުމުގެ މަގްސަދަކީ ހާދިސާތަކަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަވަހަށް ގޮސް އަލިފާން ނިއްވުމުގެ ހިދުމަތް ދިނުމުގައި ހަރަކާތެރިވުމެވެ. މި ސައިކަލްގައި ފަޔާ ބެކްޕެކެއް ބެހެއްޓިފައިވެއެވެ. ދެ ލީޓަރުގެ ކޮމްޕްރެސްޓް އެއާ ގެ އެހީތެރިކަމާ އެކު ބޭނުންކުރެވޭ އެ ފަޔާ ބެކްޕެކްގައި 10 ލީޓަރުގެ ފެންހިމެނެއެވެ. އަދި ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވާއިރު ސައިކަލްގެ ޔޫ ބޮކްސް ތެރޭގައި ބަންދު ތަންތަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތެއް ކަމުގައިވާ ޑްރައި ސްޕްރިންކްލާ ޕައުޑަރ (ޑީއެސްޕީ ) އެއް ބެހެއްޓިފައި ވެއެވެ.