އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ކޯލިޝަން ޕާޓީތަކުން ވާދަކުރާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން އޮތީ މ. ކުނޫޒުގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައެވެ.

ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ނަޝީދުގެ އިތުރުން ދެން ބައިވެރެވިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާޝަން ހަސަން ލަތީފާއި މާލެ ސިޓީގެ ކުރީގެ މޭޔަރ މުހައްމަދު ޝިހާބެވެ.

ނަޝީދާއި ގާސިމް ޖޭޕީ އޮފީހުގައި ބައްދަލު ކުރައްވަނީ ---

ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އަރިހުގައި ދެން ބައިވެރިވެ ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ޖޭޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރެވެ.

އިދިކޮޅު ކޯލިޝަނުގެ ޕާޓީތަކުން މަޖިލީހަށް ވާދަކުރާނެ ގޮތަކާ މެދު ކޯލިޝަންގެ ލީޑަރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޝްވަރާ ކުރައްވާފައެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމަށްފަހު ޖެހިގެން އަންނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އިއްޔެ ހަތަރު ލީޑަރުން ބައްދަލުކޮށްފައެއް ނުވެއެވެ. އަދި އެމްޑީޕީން އިއްޔެ ބުނެފައިވަނީ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން އެ ޕާޓީގެ ސްޓޭންޑް މިރޭ އިއުލާން ކުރާނެ ކަމަށެވެ.