01 Dec 2018, 14:00
ސަރުކާރަން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިންގާނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ވަޒީރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަމިއްލަ ފަރާތަކުން ކ. ދިއްފުށީގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ރިޔާސީ ވައިދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުން ކަމަށާއި އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއެއްގެ ގޮތުގައި ވެސް ފެނިގެންދާނީ އެ މަޝްރޫއުތައް ކަމަށެވެ.
"ތައްޔާރުވެ ވަޑައިގަންނަވާ އެކަމަށް. ތިބޭފުޅުން ގިޔާއަޕް ކުރައްވާ އެކަމަށް. ފެނާއި ނަރުދަމާގެ ބައިވަރު މަސައްކަތް އަންނާނެ،" ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި އަސްލަމް ވިދާޅުވިއެވެ.
މަޝްރޫއުތައް އަންނައިރު ހިފަހައްޓަވަން ޖެހޭ އުސޫލްތަކަކާއި މިންގަޑުތަކެއް ހުރިކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ ހުރިހާ ކަމެއްވެސް ކުރަމުން ގެންދާނީ ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތައް ކަމަށެވެ.
ދައުލަތުގެ ތެރޭގައި ކޮރަޕްޝަނު އަށަގަނެފައިވާ މިންވަރު ހާމަކުރައްވަމުން އަސްލަމް ވިދާޅުވީ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓެއް އަވަސްކޮށްދިނުމަށް އެކަމަށް އެދިފައިވާ ފަރާތަކުން އޭނާއަށް އެއްލައްކަ ޑޮލަރު ދާދި ފަހުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަމަށް އޭނާ ދެކޮޅު ހެއްދެވިކަން އަސްލަމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވީ ވައުދުތައް އިރާދަކުރެއްވިއްޔާ ފުއްދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނަން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ނާންނާނެ،" އަސްލަމް ވިދާޅުވި އެވެ.
މިއަދުގެ ސަރުކާރުން ވެރިކަމަށް އައިސްފައި މި ތިބީ ރައްޔިތުންނަށް ވައުދުތަކެއްވެ ނިޒާމުގެ ތެރެއިން އުސޫލުތަކާއި އެއް ގޮތަށް އިހްލާސްތެރި މަސައްކަތްތަކަށް ކުރުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެމަގަށް ނުދާނަމަ ރައްޔިތުން ނިކުމެ މަގާމުތަކުގައި ހުރި މީހުން ދުރުކުރަން ޖެހޭކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ނެތިން ކޮރަޕްޓްވާކަށް. އަޅުގަނޑުމެން ނެތިން ދެފުށް ނުފެންނަ ގޮތަކަށް ކަންތައްތައް ކުރާކަށް،" އޭނާ ވިދާޅުވިއެވެ.