ދީނީ ހަރުކަށި ހިޔާލުތައް ގެންގުޅޭ ބައެއް ފަރާތްތަކުން އަންހެން ކުދިން ސްކޫލަށް ނުފޮނުވުމާއި އަދި އެކުދިން ހިތާނުކުރާ މައްސަލަ އާއި އަދި ބައެއް ކުދިންނަށް ވެކްސިން ދިނުމަށް މައިންބަފައިން ދެކޮޅު ހަދަމުންދާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކުން އިސްލާމިކް މިނިސްޓްރީއާ އިއްޔެ މަޝްވަރާކޮށްފި އެވެ.

އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝެއިހް ހުސެއިން ރަޝީދާއި މިނިސްޓަރުގެ ނައިބު ޝެއިހް މުހައްމަދު ފަރޫގާ އެކު އިއްޔެ ހެނދުނު އެމިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ "ހޯޕް ފޯ ވިމެން" ޖަމިއްޔާ އާއި ޖެންޑާ ޑިޕާޓްމަންޓާއި ޕަބްލިކް ހެލްތުގެ ބޭފުޅުން ބައިވެރިވި އެވެ.

ހޯޕް ފޯ ވިމެން ޖަމިއްޔާގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަކީލާ، އައިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީ އިން އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ބައެއް މައިންބަފައިން ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދާ މައްސަލަ އާއި އަންހެން ކުދިން ސްކޫލަށް ނުފޮނުވުމާއި އަދި އެކުދިން ހިތާނުކުރާ މައްސަލައާ ގުޅޭ ގޮތުން ކަމަށެވެ.

އަދި އެ މައްސަލަތަކާ ގުޅޭ ގޮތުން "ވިސްނައި އިތުރަށް މަސައްކަތް ކުރަން ޖެހޭ" ކަމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވި ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެގޮތުން އެކަމުގައި އިސްނަގާނީ ޖެންޑާ އާއި އިސްލާމިކް މިނިސްޓްރީން ކަމަށް ނިންމުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މައްސަލަތަކާ ގުޅޭ ގޮތުން ވަކި ކަމެއް ކުރަން އަދި ނިންމާފައެއް ނުވެ އެވެ. ނަމަވެސް، ޖެންޑާ އާއި އެޖަމިއްޔާއާ އެކު އަދި ބައްދަލުކޮށް، އެކަންތައް ހައްލުކުރަން އިތުރަށް މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ތިން ބައިމީހުން ގުޅިގެން މަސައްކަތްކުރަން ]ނިންމުނީ[. އަޅުގަނޑުމެން ދީނީ ސައިޑުން، އަދި އެބޭފުޅުން ސިއްހީ ދާއިރާ އިން. އަދި ހޯޕް ފޯ ވިމެން އަށް ވެސް އެނގޭ ]އަންހެނުންގެ މައްސަލަތައް[ އަޅުގަނޑުމެންނާ ޝެއާކޮށްގެން އެ މައްސަލަތައް ހައްލުކުރަން އިތުރަށް މަޝްވަރާކުރަން ވެސް ނިންމުނު." އޮފިޝަލް ވިދާޅުވި އެވެ.

ދީނީ ހަރުކަށި ހިޔާލުތައް ގެންގުޅޭ ބައެއް މައިންބަފައިން އަންހެން ދަރިން ސްކޫލަށް ފޮނުވުމަށް ހުރަސްއަޅަމުންދާ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފެންމަތިކޮށްފައިވަނިކޮށް، ރާއްޖޭގައި އަނެއްކާ ވެސް އަންހެން ކުދިން ހިތާނުކުރުން އިތުރުވަމުން އަންނަ ކަމަށް ހޯޕް ފޯ ވިމެން ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. އެއީ އެކުދިންނަށް ވެވޭ އަނިޔާ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ސިފަކުރައްވަ އެވެ.