ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމަށް ކޮށްދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފައުންޑަރު އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ޗަމްޕާ ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމު ކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަފީފް ވިދާޅުވީ، ސާފު ފެނާއި ރަނގަޅު ނަރުދަމާއެއް ނެތުމުގެ ސަބަބުން އެ ރަށުގެ ގެސްޓް ހައުސްތަކަށް އަންނަ ގިނަ ފަތުރުވެރިން ޝަކުވާ ކުރާ ކަމަށް އެ ވިޔަފާރީ ކުރަމުންދާ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

މިހާރު ދިއްފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ އެ ރަށުގެ މިހާރުގެ އާބާދީ 1300 މީހުންގެ ދެގުނަ، 2600 ވަރަކަށް މީހުނަށް ކޭޓާ ކުރެވޭވަރުގެ ނިޒާމެއް ކަމަށެވެ. އެހެން ކަމުން ބައިކީ އޮތްބަޔަށް ގެސްޓުން ގެނައުމުގެ ޓާގެޓަށް ވާސިލް ވުމަށް ދިއްފުށީގެ ރައްޔިތުން ހިތްވަރާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދިއްފުށީގައި ހުންނަނީ 100 ވަރަކަށް އެނދާއި އެކު 11 ގެސްޓް ހައުސްކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ އޭނާގެ އުންމީދަކީ އެ އަދަދު ދުވަހުން ދުވަހަށް އިތުރުވެގެން ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ދެވެން ހުރި ހުރިހާ ހިތްވަރެއް ދޭނަން އަޅުގނޑުމެނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑުމެނަށް ހީވަނީ ޓުއަރިޒަމް މެދުވެރިވެގެން އެންމެ ބާރަށް މި ރަށަށް އެންމެ ބާރަށް ތަރައްގީއެއް އަންނާނީ،" ފަތުރުވެރިކަމުގެ ވިޔަފާރީ ފުޅާ ދާއިރާއަކުން ކުރައްވަމުން ގެންދާ އަފީފް ވިދާޅުވި އެވެ.

ގެސްޓު ހައުސުގެ ވިޔަފާރީ ތަރައްގީ ކުރެވޭނީ ހުސް އެކަނި ގިނަ ގެސްޓް ހައުސްތަކެއް އެޅުމުން ނޫން ކަން ފާހަގަކޮށް އަފީފް ވިދާޅުވީ، ގެސްޓުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.