ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އެނބުރި މާލެއަށް ވަޑައިގެންފި އެވެ.

މިއީ އެމަނިކުފާނު މަޤާމާއި ޙަވާލުވެވަޑައިމަށް ފަހު ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި، އެމަނިކުފާނު ޔޫއޭއީގެ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރު ޝެއިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ވިސާއަކާނުލައި ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސެވުމާ ގުޅޭ ގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި އެވެ. އެ ގޮތުން އަންނަ އަހަރުން ފެށިގެން ވިސާ އަކާނުލައި ދިވެހިންނަށް ޔޫއޭއީ އަށް ދަތުރުކުރެވޭނެ ގޮތަށް މިހާރު މިވަނީ ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.