ލަމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން ސިޓީ ކައުންސިލަށް ދޫކޮށްލެވެން ހުރި ބާރުތައް މި ހަފްތާ ތެރޭގައި ދޫކޮށްލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވެރިކަމާ ހަވާލުވުމަށް ފަހު މާލެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކ. ދިއްފުއްޓަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވައި ރައްޔިތުންނާ ގާތުން ވެރިކަން ހިންގުން ކަމަށާއި އެކަން ކުރެވެން އޮތީ މިހާރު އޮތް ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކޮށް ބިނާކުރުން ކަމަށާއި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކޮށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން ސިޓީ ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ބާރުތައް އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭ އަޅުގަނޑުމެން ދޫކޮށްލާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން މޭލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް "ގިނަ ގުނަ ބާރުތަކެއް" މި ފެށޭ ހަފްތާ ތެރޭގައި ލިބިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އަލުން އެ ކަންސިލްތަކަށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އަވަހަށް ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ނިންމައިފަ އެވެ.

ސިޓީ ކައުންސިލްތަކަށް ދީފައިވާ ބައެއް މުހިންމު ބާރުތައް ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުންނެވެ.

އެބާރުތައް ސަރުކާރަށް ނެގި ސަބަބެއްގެ ގޮތުގައި އޭރުގެ ސަރުކާރުގެ އިސްވެރިން ވިދާޅުވެފައި ވަނީ، ސަރުކާރުން ބޭނުންވާ ސްޕީޑްގައި ބައެއް ކަންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދެވެމުން ނުދާތީ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ސަރުކާރު ހިންގުމަށް ހުރަސް އަޅުމުންދާކަން ވެސް އޭރުގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ސަރުކާރަށް ނެގި ބާރުތަކުގެ ތެރޭގައި ރަށްރަށުން ބިން ދޫކުރުން ފަދަ ކަންކަން ހިމެނެ އެވެ.