01 Dec 2018, 11:28
ގާނޫނީ ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް މިނިވަން އެއް މުއައްސަސާއެއްގެ ދަށުން ބެލެހެއްޓުމަށް ބާ އެސޯސިއޭޝަން އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލީގަލް ޕްރޮފެޝަންގެ ބިލް ނުވަތަ ގާނޫނީ ޚިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، ޑިސެމްބަރު ތިނެއް ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް، އެ ބިލަށްހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ކޮމިޓީ އީމެއިލް އެޑްރެހަށް ނުވަތަ އެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޚިޔާލު ފޮނުވުމަށް އެދޭކަމަށެވެ.
ބާ ކައުންސިލެއް ނުވަތަ އެސޯސިއޭޝަނެއް އުފެއްދުމަކީ ރާއްޖޭގެ ބައެއް އިސް ގާނޫނީ ވަކީލުން ވަކާލާތު ކުރަމުން ދިޔަ ކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ކޮށްދެއްވަން ވައުދުވެ ވަޑައިގެންފަ އެވެ.
ބާ ކައުންސިލް އުފެއްދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލީގަލް ޕްރޮފެޝަން ބިލް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
ގާނޫނީ ހިދުމަތުގެ ބިލުގައި ހިމެނޭ ކަންކަން
ވަކީލު ކަމުގެ ހުއްދަ ދޫކުރުން
- ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުން
- ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރު ކުރުން
- ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތި ކުރުން
- ވަކީލުންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ބާ އެސޯސިއޭޝަން ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދުން
- މުއައްސަސާގެ ކަންކަން ހިނގާނެ ގޮތް ބަޔާން ކުރުން
ގާނޫނީ ހިދުމަތުގެ ގާނޫނު އުފަންވުމާއެކު ބާ އެސޯސިއޭޝަން އުފެދޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެ އެސޯސިއޭޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދާ ނުއުފުލޭ މުދާ ހޯދާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ގާނޫނީ މިނިވަން މުއައްސަސާއެއް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ބާ އެސޯސިއޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާ އަމާނާތްތެރި ކަމާ އެކު ކުރިއަށް ދޭތޯ ކަށަވަރު ކުރުން ހިމެނެ އެވެ. އަދި ގާނޫނީ ވަކީލުންގެ ފަރާތުން ގާނޫނީ އެހީތެރިކަން ލިބި ދިނުމުގައި މަސްލަހަތު ހިމާޔަތް ކޮށްފައި އޮތްތޯ ބެލުން ވެސް ހިމެނެ އެވެ. އަދި ގިނަ ކަންކަން ވަނީ ހިމަނައިފަ އެވެ.
ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް ގާނޫނީ ހިދުމަތުގެ ބިލުގައި ވަނީ ބުނެފަ އެވެ. އެ ހަތް މީހުންނަކީ ވެސް ގާނޫނީ ވަކީލުންނަށް ވާން ޖެހެ އެވެ. އެ މެމްބަރުން އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.