ވޮޝިންޓަން (ޑިސެމްބަރު 1): އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް އެޗް ޑަބްލިއު ބުޝް އަވަހާރަވެއްޖެ އެވެ.

އުމުރުން 94 އަހަރުގައި ބުޝް އަވަހާރަވީ، އަނބިކަނބަލުން ބާބަރާ ބުޝް މިދިޔަ އޭޕްރިލް މަހު އަވަހާރަވި ފަހުންނެވެ.

ޕާކިންސަންސް ބަލީގެ ސަބަބުން، 2012 ވަނަ އަހަރުން ފެށިގެން ފުރޮޅުލީ ގޮނޑިއެއް ބޭނުން ކުރައްވަމުން ގެންދެވި ބުޝްގެ ސިއްހީ ހާލަތު ވަނީ ފާއިތުވި އަހަރުތަކުގައި ގޯސްވެފަ އެވެ. އަދި ބާބަރާ ބުޝްގެ ޖަނާޒާއަށް ފަހު، އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެސް އެވެ.

ބުޝް އަވަހާރަވި އިރު އޭނާގެ ފަސް ދަރިކަލުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި 2016 ވަނަ އަހަރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަމަށް ވާދަ ކުރެއްވި ޖެބް ބުޝް ހިމެނެ އެވެ.

ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ ބުޝް ވެރިކަން ކުރެއްވީ 1989 އަކުން 1993އަށެވެ. އޭނާ ވަނީ 44 އަހަރަށް ދެމިގެން ދިޔަ ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.

ބުޝް އަވަހާރަވީ އެ މަނިކުފާނުގެ އަނބިކަނބަލުން ބާބަރާ ބުޝް، 73، އަވަހާރަވިތާ ގާތްގަނޑަކަށް އަށް މަސް ދުވަސް ވާން ކައިރިވެފައިވަނިކޮށެވެ.