29 Sep 2011, 13:55
މާލޭގައި އަނެއްކާ ވެސް ޑެންގޫ ފެތުރޭ ކަމަށާއި ޑެންގޫ ހުން ޖެހިގެން ބައެއް މީހުން ފަރުވާ ހޯދަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބް އިއްޔެ ވިދާޅުވީ ކޮންމެވެސް ވަރަކަށް ޑެންގޫ ކޭސްތައް ފެންނަން ފަށާފައިވާ ކަމަށެވެ.
"ޑެންގޫ އަކީ އެހެން ދޭތެރެ ދޭތެރެ އިން ފެންނަ ބައްޔެއް. މިހާރު ވެސް ކޮންމެވެސް ވަރަކަށް އައިޖީއެމްއެޗަށް ދައްކާ ބައެއް ފަރާތްތައް ޑެންގޫ އަށް ޕޮސިޓިވް ވެފައި އެބަހުރި،" ޒީނަތު ވިދާޅުވި އެވެ.
މިހާރު ޑެންގޫ ހުން ޖެހިގެން އަންނަނީ ކޮން އުމުރެއްގެ މީހުންނެއް ކަމެއް އަދި އެއީ ކިތައް މީހުން ކަމެއް ޒީނަތު ވިދާޅެއްނުވެ އެވެ.
"އަޅުގަނޑު ޖެހޭނީ ތިޔަ މަޢުލޫމާތު ޗެކުކޮށްލަން. މިވަގު ވަރަށް ދަތި ސީދާ މިވެނި އަދަދެކޭ ދަންނަވަން،" ޒީނަތު ވިދާޅުވި އެވެ.
މި އަހަރުގެ ޖޫން މަހު މާލޭގެ އިތުރަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޑެންގޫ ޕީކަށް އެރުމާ ގުޅިގެން ސަރުކަރުން ވަނީ ޑެންގީ ޓާސްފޯސްއެއް އޭރު އުފައްދައިފަ އެވެ. އަދި އެ ބަލީގައި މި އަހަރު 10 މީހަކު މަރުވެފައިވާ އިރު ޑެންގޫ ކޮންޓްރޯލް ކުރެވިފައި ވަނީ އޭގެ މަސް ދުވަސް ފަހުންނެވެ.
އެ ދުވަސްވަރު ޑެންގޫ ހުމުގެ އިތުރަށް ޑެންގޫގެ ނުރައްކާތެރި ވައްތަރެއް ކަމުގައިވާ ޑެންޑޫ ހެމޮރެޖިކް ބަލީގައި ބައެއް މީހުން ފަރުވާ ހޯދާފައިވެ އެވެ.