އަންނަ އަހަރުން ފެށިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދިވެހިންނަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގޮތައް އެގައުމާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޝެއިހް އަބުދުﷲއާ ބައްދަލުކުރައްވާފަ އެވެ.

މިއަދު އެ ބައްދަލުވުމާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިސާއާ ގުޅޭ އާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ޔޫއޭއީއަށް ހިލޭ ވިސާގެ ދަށުން ދަތުރު ކުރެވޭނެ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.

މިނިސްޓަރުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތައް ޝައިހް އަބްދުﷲއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމެންޓްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ވަފުދު މެދު އިރުމައްޗަށް ދަތުރުފުޅު ފައްޓަވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އިންޑިއާ އަށެވެ. އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް އެގައުމަށް ދެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ބޭރުގެ އެހީތެރިކަން ހޯދުމަށް ވަޑައިގެންނެވި މިނިސްޓަރުންގެ ވަފުދު ޔޫއޭއީއަށްފަހު ސައުދީ އަރަބިއްޔާއަށްވެސް ވަޑައިގަންނަވާނެ އެވެ.