30 Nov 2018, 21:47
ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގެ ގްރޫޕް "އޭ"ގައި މިއަދު މާޅެންދޫގެ މައްޗަށް ކުރި ހޯދައި ޑިފެންޑިން ޗެމްޕިއަން މިލަދޫ ގްރޫޕުގެ އެއްވަނަ އަށް ޖެހިލިފައި އެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު މިލަދޫ ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިިންނެވެ. މެޗުގެ ހަމަ އެކަނި ގޯލު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިލަދޫގެ ޖާޒީ ނަމްބަރު 26 އަހްމަދު ޝަމްވީލް އަބްދުﷲ އެވެ. މޭން އޮފް ދަ މެޗު ކަމަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަމްބަރު 24 މުހައްމަދު ނާޖިހު އެވެ.
މިއަދުގެ މޮޅާ އެކު ކުޅުނު ދެ މެޗުން މިލަދޫއަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ. ގްރޫޕު އޭގެ ދެވަނައިގައި ދެން އޮތީ ހަތަރު ޕޮއިންޓާ އެކު ކެނދިކުޅުދޫ އެވެ. މުބާރާތުގެ ފުރަތަމަ މެޗުން އެއްވަރުވި ނަމަވެސް، ކެނދިކުޅުދޫ ވަނީ އިއްޔެ 3-1ގެ ނަތީޖާއިން ހެނބަދޫ ބަލި ކޮށްފަ އެވެ. ގްރޫޕުގެ ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ހެނބަދޫ އެވެ.
ހަތަރު ވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ މާޅެންދޫ އެވެ. އެއް މެޗު މަދުން ކުޅެފައިވާ މަނަދޫ އާއި މަގޫދޫ އަށް އަދި ޕޮއިންޓެއް ލިބިފައި ނުވެ އެވެ. މާދަމާ މުބާރާތުގައި ބައްދަލު ކުރާނީ މަނަދޫ އާއި މަގޫދޫ އެވެ.
މުބާރާތުގެ ގްރޫޕު ބީ ގައި ހިމެނެނީ ވެލިދޫ، ލަންދޫ، މާފަރު، ހޮޅުދޫ އަދި ކުޑަފަރީ އެވެ. އެ ދެ މެޗު ކުޅެފައި ވާ އިރު ގްރޫޕުގައި ލަންދޫ އަށާއި ހޮޅުދޫއަށް ވަނީ ތިން ޕޮއިންޓު ލިބިފަ އެވެ. ހޮޅުދޫ ގްރޫޕުގެ އެއްވަނައިގައި އޮތީ ގޯލް ޑިފަރެންސުންނެވެ.