30 Nov 2018, 20:16
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ދާއިރާތައް އިއުލާނު ކުރުން މާދަމާ އަށް ފަސް ކޮށްފި އެވެ.
މީގެ ކުރިން ހަމަޖެހިފައި އޮތީ މިރޭ އެމްޑީޕީން ވާދަ ކުރާ ދާއިރާތައް އިއުލާނު ކުރާ ގޮތަށެވެ. ނަމަވެސް އެކނަް މާދަމާއަށް ފަސް ކުރިކަން އެ ޕާޓީން ވަނީ މިރޭ އިއުލާނު ކޮށްފަ އެވެ.
އިދިކޮޅު ކޯލިޝަނުގެ ޕާޓީތަކުން މަޖިލީހަށް ވާދަ ކުރާނެ ގޮތަކާ މެދު ކޯލިޝަންގެ ލީޑަރުން ވަނީ ދާދި ފަހުން މަޝްވަރާ ކުރައްވާފަ އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވި އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އިބްރާހިމް ޝިހާބާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނު އާއި އަނީސާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކަންކަން ނިމިގެން ދާނީ ހުރިހާ ޕާޓީތަކާއި ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ. ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ ރައްޔިތުން މާޔޫސްވާ ފަދަ ނިންމުމެއް ނުނިންމާނެ ކަމަށާއި ނެރޭނީ މެޖިކް ފޯމިއުލާއެއް ކަމަށެވެ.