30 Nov 2018, 18:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ސޯލިހުގެ މެސެޖުގައި، އެމަނިކުފާނު ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނުގައި، ސުލްހަ ގާއިމް ކުރެވޭނީ ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށެވެ.
އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެޤައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫއަ ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއްކަން ފާހަގަކުރައްވައި އެފަދަ ޤާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ޤައުމަކުންވެސް ކުރަން ޖެހޭނެ ކަމެއްކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ފަލަސްތީނުގެ އަމަންއަމާންކަމާއި، އިންސާފު ގާއިމް ކުރުމުގައި އާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.
ރައީސް ސޯލިހު މެސެޖެއް ފަލަސްތީނަށް މެސެޖެއް ފޮނުވާފައި ވާ އިރު، އދ. ގެ 73 ވަނަ ޖެނެރަލް އެސެމްބްލީގައި ވެސް، ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި ރާއްޖެއިން ވަނީ ވާހަކަ ދައްކާފަ އެވެ.