30 Nov 2018, 18:29
ކޮލަމްބޯ (ނޮވެމްބަރު 30): ސްރީ ލަންކާގެ މިނިސްޓަރުންގެ މުސާރަ އާއި ދަތުރުފަތުރަށް ބޭނުންވާ ހަރަދުތައް ހުއްޓުވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 122 މެމްބަރުންގެ ތާއިދާއެކު އެބިލު ފާސްކޮށްފައި ވަނީ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ހަރަދުތައް ހުއްޓުވުމަށް އިއްޔެ ފާސްކުރި ފަހުންނެވެ.
"މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ހަރަދުތައް ހުއްޓުވުމަށް ވަނީ ފާސްވެފައި،" މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރިޔާ ވިދާޅުވި އެވެ.
ނަމަވެސް ރާޖަޕަކްސައަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އެއީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް ވިދާޅުވެ، އިއްޔެ އާއި މިއަދުގެ ވޯޓުވެސް ބޯއިކޮޓް ކުރައްވާފަ އެވެ.
ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އެގައުމުގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރު ކުރެއްވުމަށް ފަހު އެމަގާމަށް ރާޖަޕަކްސަ އަައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ގަ އެވެ. އަދި އެގައުމުގެ ޕާލިމެންޓު ސިރިސޭނާ އުވާލެއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެނިންމުން ބާތިލުކޮށްފަ އެވެ.
އޭގެ ފަހުން، ބޮޑުވަޒީރު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރިއެވެ. ނަމަވެސް އެ ވޯޓު ގާނޫނާ ހިލާފުކަމަށް ވިދާޅުވެ، ރައީސް ސިރިސޭނާ އެ ނިންމުންތައް ގަބޫލުފުޅެއް ނުކުރައްވައެވެ.