ޖަކާޓާ (ނޮވެމްބަރު 30): އިންޑޮނޭޝިއާގެ ޖަލެއް ފަޅާލައިގެން ރޭ 90 ގައިދީން ފިލައިފި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ބަންޑާ އަޗޭގައި ހުންނަ ޖަލެއް ފަޅާލައިގެން ގައިދީން ފިލީ ރޭ ނަމާދު ވަގުތަށް ޖަލު ގޮޅިން އެންމެން ނެރުނު ގަޑީގަ އެވެ. އެމީހުން ވަނީ ކަސްރަތު ކުރަން ބޭނުން ކުރާ ބަރު ބޭނުންކޮށްގެން ޖަލުގެ ފެންސް ހަލާކުކޮށް، ސެކިއުރިޓީ ގާޑުންނަށް ހަމަލާ ދީފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"އޭރު 726 ގައިދީން ތިބި، 113 މީހުން ފިލި. އޭގެ ތެރެއިން 23 މީހުން އަލުން ހައްޔަރުކޮށްފިން. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނު އަޑޭ ކުސްމަންޓޯ ވިދާޅުވި އެވެ.

ބަންޑާ އަޗޭގެ ފުލުހުންގެ ވެރިޔާ ޓްރިސްނޯ ރިޔަންޓޯ ވިދާޅުވި ގޮތުގައި ޖަލުން ފިލި ގައިދީންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އަދި އެމީހުން ފިލާފައި ވަނީ ދުރާލާ ރާވައިގެންނެވެ.

އިންޑޮނޭޝިއާގެ ތޮއްޖެހިފައިވާ ޖަލުތަކުން ގައިދީން ފިލުމަކީ އާއްމު ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުވެސް އެގައުމުގެ ޖަލަކުން 400އަށް ވުރެ ގިނަ ގައިދީން ފިލާފައިވެ އެވެ.