ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ބޭންކުތަކުގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ވަގު ކޭޝް ކާޑާއި ކްރެޑިޓް ކާޑް ބޭނުން ކޮށްގެން ބޮޑެތި ވައްކަންތަކެއް ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފަސް ދިވެއްސަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ ސައްހަ ނޫން ކޭޝް ކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބޭންކްތަކުގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ނަގަމުންދިޔަ މައްސަލައަކީ މީގެ ހަ މަސް ދުވަސްކުރިން ފުލުހުންނަށް ހުށަހެޅިގެން ތަހުގީގު ކުރަންފެށި މައްސަލަ އެއް ކަމަށެވެ.
މަކަރާއި ހިޔާނާތުގެ މި މައްސަލައާ ގުޅިގެން ފުލުހުން ފޮޓޯ އާއި ވަނަވަރު ހާމަކޮށްފައިވާ ފަސް މީހުންނަކީ ނެޓްވޯކެއް ގޮތަށް ގުޅިގެން މަސައްކަތް ކުރި ބައެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ތެރެއިން މއ. ކަނޑޫގޭ އަލީ އަހުމަދު 28، ހައްޔަރުކޮށްފައި ވަނީ އިންޑިޔާ އިން ނެވެ. އަދި އެ މައްސަލައާ ގުޅިގެން އަލީ އަހުމަދުގެ ކޮއްކޮ އަބުދުﷲ އަކްރަމް 22، އަކީ އެމައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި މީހާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަކްރަމް ފުލުހުން ހައްޔަރު ކޮށްފައި ވަނީ ވަގު ކޭޝްކާޑުތައް ބޭނުންކޮށްގެން ގަނެފައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ފޮރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

ރިޔާޒު ވިދާޅުވީ އަލީ އަހުމަދު އިންޑިޔާ އިން ރާއްޖެ އައި ވަގުތު ހައްޔަރުކޮށް އޭނާގެ ހަށިގަނޑާ ފޮށިތަންމަތި ބަލައި ފާސް ކުރިކުރުމުން ފޯޖުކޮށްފައިވާ ބޭރުގެ ކާޑުތަކާއި ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކާޑްތައް ފެނިފައިވާ ކަމަށެވެ. އަދި ކޭޝްކާޑުގެ ގޮތުގައި އާންމުކޮށް ބޭނުން ނުކުރާ ވައްތަރުގެ ކްލަބް ކާޑުތަކެއް ފެނިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެ ކާޑުތައް އެމީހުން ]ހައްޔަރު ކުރި މީހުން[ ބޭނުންކޮށްފައި ވަނީ، ކާޑުތަކަށް މެކްސް ސްޓަރައިޕް އަޅައި ]ސޮފްޓްވެއާ[، މެޝިންތަކެއް ބޭނުންކޮށްގެން އިތުރު މީހެއްގެ ކޭޝްކާޑުގެ ޑާޓާ އެކާޑަށް އަޅައިގެން ކޭޝްކާޑު ގޮތަށް ބަދަލު ކޮށްގެނެވެ.

"ބޭރުން މި ކާޑުތައް މި ފެންނަނީ މީނަގެ (އަލީ އަހުމަދު) އަންހެނުންގެ ކާޑާއި އެކި މީހުންގެ ނަންމަތީގައި ހައްދާފައި ހުރި ކާޑުތައް. އެކަމަކު މީގެ ތެރޭގައި ހުރި ޑާޓާތަކަކީ މުޅިން ވެސް އެހެން މީހުންގެ އެއްޗެހި،" އަލީ އަހުމަދުގެ ޖީބުން ފެނުނު ކްރެޑިޓް ކާޑާއި ކޭޝް ކާޑުތައް ދައްކާލަމުން ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުތައް ބޭނުންކޮށްގެން އަލީ އަހުމަދު ރާއްޖޭގެ ފިހާރަތަކުން އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނު ގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ޓީވީ އާއި ފޯނާއި އައިޕެޑް ފަދަ ތަކެތި ނޫސް ވެރިންނަށް މިއަދު ފުލުހުން ދެއްކި އެވެ. އަދި އެތަކެތި ގަންނަން އަލީ އަހުމަދު ފިހާރަތަކަށް ވަންވަގުތުގެ ސީސީޓީވީ ފޫޓޭޖް ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި އޭނާ ފިހާރައަށް ވަންއިރު އަޅައިގެން ހުރި ހުދުކުލައިގެ ތޮތްޕެއް ވެސް ފުލުހުން ނޫސްވެރިންނަށް ދެއްކި އެވެ.

"އަލީ އަހުމަދަކީ މި ނެޓްވޯކްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހެއްކަން އަޅުގަނޑުމެންނަށް އެނގިފައިވޭ. އަދި އަލީ އަހުމަދުގެ ގޭގައި ހުރި ބައެއް ސާމާނުތައް އޭނަ ހައްޔަރުކުރުމާ ގުޅިގެން އާއިލާ މީހުންލައްވައި ފޮރުވަން މަސައްކަތް ކޮށްފައިވޭ. އޭގެ ތެރޭގައި ކާޑް އެމްބޯސްކުރާ މެޝިނާއި]ކާޑުގައި ނަމާއި ނަމްބަރުޖެހުމަށް ބޭނުންކުރާ މެޝިން[ ކާޑު ކަނޑަން ބޭނުން ކުރާ މެޝިންތައް ވެސް ފޮރުވަން މަސައްކަތް ކޮށްފައިވޭ،" ރިޔާޒު ވިދާޅުވި އެވެ.

ސައްހަ ނޫން ކޭޝްކާޑާއި ކްރެޑިޓް ކާޑް ބޭނުންކޮށްގެން މީހުންގެ އެކައުންޓްތަކުން ވައްކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ތިން ވަނަ މީހާ ހައްޔަރު ކުރީ ސްރީލަންކާ އިން ރާއްޖެ އައި ވަގުތެވެ. އެއީ މ. ޓްރެންކްލިޓީ ނަދީމް މަސްއޫދު 32، އެވެ. ލަންކާ އިން މާލެ އައިވަގުތު ނަދީމް ހައްޔަރު ކުރިއިރު އޭނާގެ އަތުން ވެސް ފޯޖްކޮށްފައި އޮތް ވަގު ކޭޝްކާޑެއް ފެނިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މީނަގެ އަތުން ފެނުނު ކާޑަކީ ވެސް ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް. އެހެން މީހެއްގެ ކާޑެއް އޭގެ މެކްސް ސްޓަރައިޕަށް އަޅައިގެން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ކާޑެއްކަން ފާހަގަ ކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ.

ލަންކާ ފުލުހުންނާއި ރާއްޖޭގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރޭ ސ. މަރަދޫ ނަރުގިސްމާގޭ އަބުދުލްޣަނީ އަބުދުލް މަޖީދު 42، އާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މއ. ނާރެސް ތޯރިގް ޖަމީލް 30، ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ބެލީސް ކެސީނޯ ތެރެއިން ނުކުތް ވަގުތެވެ.

އަދި އެ ދެ މީހުން ލަންކާގައި ދިރިއުޅުނުގެ ބަލާ ފާސްކުރި ކުރުމުން ގިނަ އަނދަދެއްގެ ކާޑާއި، ކާޑް ސްކީމް ކުރާ މެޝިން ފެނިފަވެ އެވެ. އަދި ތޯރިގް ޖަމީލް ދިރުއުޅުނު ތަނުން ކާޑް ސްކީމް ކުރާ އިރު ބޭނުންކުރާ އެންކޯޑާއި ކާޑް ސްކީމް ކުރުމަށް ބޭނުންކުރާ މައުލޫމާތު ރެކޯޑް ކުރާ ވޮއިސް ރެކޯޑާ ފަދަ އެއްޗެހި ފެނިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަބުދުލްޣަނީގެ އަތުން ފެނުނު ކާޑުތަކަކީ އެޗްއެސްބީސީގެ ކާޑުތަކެއް ނަމަވެސް އެ ކާޑުތަކަށް އަޅާފައި ވަނީ ރާއްޖެ އިން ބޭރުގެ އެކައުންޓްތަކުގެ ޑާޓާތަކެއް ކަމަށެވެ. އޭގެތެރޭގައި ނިއުޒިލޭންޑާއި އޮސްޓްރޭލިއާ އަދި ކެނެޑާގެ ބޭންކްތަކުގެ އެކައުންޓްތަކުގެ ޑޭޓާތައް ހިމެނެ އެވެ.

ލަންކާ އާއި ރާއްޖޭގެ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ލަންކާ އިން ހައްޔަރު ކުރި އަބުދުލްޣަނީ އަބުދުލް މަޖީދުގެ ޖީބުން 250،090 ލަންކާ ރުޕީސް ފެނިފައިވާ ކަމަށެވެ. އަދި 4845ރ. އާއި 5128 ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ހަމަ އެވަގުތު ލަންކާއި އިން ހައްޔަރު ކުރި ތޯރިގް ޖަމީލްގެ އަތުން 31580 ސްރީލަންކާ ރުޕީސް އާއި 500 ޑޮލަރުގެ އިތުރުން 65ރ. ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޔާޒު ވިދާޅުވީ ޕީއޯއެސް މެޝިނަކުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް ކާޑުގެ މައުލޫމާތު ހޯދުމަށް ފަހު ކާޑުގެ ޑާޓާތައް ޓްރަންސްފާ ކުރާ ހުރިހާ ސޮފްޓްވެއާ އާއި އެއާ ގުޅޭ ބައެއް މައުލޫމާތުތައް ފުލުހުން ހޯދި ލެޕްޓޮޕެއްގައި ހުރި ކަމަށެވެ.

ފުލުހުން ނޫސްވެރިންނަށް މިއަދު ދެއްކި ކާޑުތަކުގެ ތެރޭ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކާޑުތައް ހުއްޓެވެ. އަދި އެކާޑުތައް ހަދާފައި ވަނީ ހައްޔަރުކުރި މީހުންގެ ނަމުގައި އެމީސްމީހުންގެ އާއިލާ މީހުންގެ ނަންމަތީގަ އެވެ. ނަމަވެސް އެއިން ކޮންމެ ކާޑެއްގެ ތެރޭ ވަނީ ކޮންމެވެސް މީހެއްގެ އެކައުންޓު ނަންބަރެއް ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ އަތުން ފެނުނު ކާޑްތަކުގެ ތެރޭގައި ރާއްޖެ އިން ބޭރުގެ އެކައުންޓްތަކުގެ މަޢޫލޫމާތު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުން ކާޑުތައް ބޭނުންކޮށްގެން އެކި މީސްމީހުންގެ އެކައުންޓްތަކުން ފައިސާ ނަގާފައި ހުރި ޖުމްލަ އަދަދު އަދި މިހާތަނަށް އެނގިފައިނުވި ނަމަވެސް ރާއްޖޭގެ 50 އާއި 60 ދެމެދުގެ އެކައުންޓްތަކުން 700000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މިއަދު ފުލުހުން ދެއްކި ތަކެތީގެ ތެރޭގައި ކާޑު ހަދާ މެޝިނާއި ދިވެހިރާއްޖޭގެ ނިޝާން ޖަހާފައި ހުރި ހޮލޮގްރާމް ސްޓިކާތަކެއް ހިމެނެ އެވެ. ފުލުހުން ބުނީ އެ އެއްޗެހި ބޭނުންކޮށްގެން އެމީހުން އަމިއްލަ އަށް ކާޑު ހަދާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ އެއްޗިއްސަކީ ރާއްޖޭން ބޭރުގެ ފަރާތަކާ ގުޅިގެން ހޯދާފައި ހުރި އެ އެއްޗެހިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ވެސް ކާޑުގެ ފިނިޝިންގެ މަސައްކަތައް ބޭނުން ކުރާ އެއްޗެއްސާއި ކާޑު ޕްރިންކުރަން ބޭނުންކޮށްފައި ހުރި ކަރުދާސްތަކާއި އެ އެއްޗހި އެއްވަރު ކުރުމަށް ބޭނުން ކޮށްފައި ހުރި ކަޓަރާއި ޑާޓާ ކަލެކްޝަންތައް ފުލުހުން ވަނީ ހޯދައިފަ އެވެ.


ލިޔުމާ ގުޅޭ އޯޑިއޯ

MNDF News Conference (mp3)