ސޯލް (ނޮވެމްބަރު 30): ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ޑީމިލިޓަރައިޒްޑް ޒޯން ހުރަސްކޮށް، ދެކުނުގެ ރޭލެއް އުތުރަށް މިއަދު ދަތުރުކޮށްފި އެވެ.

ދެ ކޮރެއާގެ ދެމެދުގައި އެންމެ ފަހުން ރޭލު ދަތުރުތައް ކޮށްފައި ވަނީ 2008 ވަނަ އަހަރެވެ.

ދެކުނު ކޮރެއާގެ ޑޮރާސަންއިން މިއަދު ދަތުރު ފެށި ރޭލުގައި ތިބީ އުތުރު ކޮރެއާގެ ރޭލުގެ ނިޒާމު ޒަމާނީ ކުރުމާ ބެހޭ ގޮތުން ދިރާސާތައް ކުރަން ހަމަޖެހިފައިވާ 28 މާހިރުންނެވެ. އެމީހުން އެދިރާސާތައް 18 ދުވަހަށް ކުރިއަށްގެންދާނެ ކަމަށާއި އޭގެ ފަހުން އުތުރު ކޮރެއާގެ ރޭލުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ޕްލޭނެއް އެކުލަވާލާނެ ކަމަށް ދެކުނުގެ ޔުނިފިކޭޝަން މިނިސްޓްރީން ބުންޏެވެ.

ދެކުނު ކޮރެއާއިން އެސާވޭ ފަށާފައި ވަނީ އދ.ގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އަދި އެދަތުރުކޮށްފައި ވަނީ ދެކުނު ކޮރެއާއިން ކާނާ އާއި ފެނާއި ތެޔޮ ހިފައިގެންނެވެ. ސަބަބަކީ އުތުރު ކޮރެއާއިން އެބަވާތުގެ ތަކެތި ގަތުމަކީ އދ.އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފު ކަމަކަށް ވާނެތީ އެވެ.

އުތުރު ކޮރެއާގެ ބޯޑަރު ދެކުނު ކޮރެއާގެ ރޭލަކަށް މިއަދު ހުޅުވާލީ، މިދިޔަ އޭޕްރިލް މަހު ދެ ގައުމުގެ ލީޑަރުން ބައްދަލު ކުރެއްވި ފަހުންނެވެ. ދެކުނުގެ ރައީސް މޫން ޖޭ އިންއާ އެކު ބޭއްވި އެބައްދަލުވުމުގައި އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުގެ ރޭލުގެ ނިޒާމު އޮތީ "ލަދު ގަންނަން ޖެހޭ" ފަދަ ހާލަތެއްގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެނިޒާމު ޒަމާނީ ކުރުމަށް އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.