30 Nov 2018, 16:08
ބުއެނޮސް އައިރިސް (ނޮވެމްބަރު 30): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފި އެވެ.
އެބައްދަލުވުން ބާއްވާފައި ވަނީ އާޖެންޓީނާގައި ބާއްވަން ހަމަޖެހިފައިވާ ޖީ20 ސަމިޓުގެ ހަވާސާގަ އެވެ. އެގައުމުގައި ހުންނަ ވަލީއަހުދުގެ ގެކޮޅުގައި ބޭއްވި އެބައްދަލުވުމުގައި ބިން ސަލްމާން ވަނީ އިންޑިއާގައި ސައުދީން އިންވެސްޓު ކުރުން އިތުރު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)ގައިވެ އެވެ.
"ވަލީއަހުދު ވަނީ ޓެކްނޮލޮޖީ އާއި ހަކަތަ އާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި އިންވެސްޓު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި... އަޅުގަނޑުމެން ލަފާ ކުރަނީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ސައުދީން އިންޑިއާގައި އިންވެސްޓު ކުރާ މިންވަރު އިތުރު ކުރާނެ ކަމަށް،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލޭ ވިދާޅުވި އެވެ.
އަދި ސައުދީއަށް އެހެން ގައުމުތަކުން ކާބޯތަކެތި އެތެރެ ކުރުމުގެ ބަދަލުގައި، އިންޑިއާގެ ކާބޯތަކެތި އެތެެރެ ކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އެސްޕީއޭގައިވާ ގޮތުން އެބައްދަލުވުމުގައި މޯދީ ވަނީ ހަކަތައިގެ އަގު އެއްވަރެއްގައި ބެހެއްޓުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ވަލީއަހުދު ވަނީ ސައުދީން ޑިމާންޑާ އެއްވަރަށް ތެޔޮ އުފެއްދަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން ސައުދީ ތެޔޮ ކުންފުނި އަރަމްކޯއިން އިންޑިއާގައި ތެޔޮ ސާފު ކުރާ ޕްލާންޓެއް ހެދުމަށް އިންވެސްޓު ކުރުމާއި ސައުދީން އިންޑިއާއަށް ތެޔޮ ނޫން ތަކެތި އެކްސްޕޯޓު ކުރުމާ ބެހޭ ގޮތުންވެސް ދެގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ޖީ20 ސަމިޓަކީ ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި ފަހުން، ވަލީއަހުދު ބައިވެރިވެވަޑައިގަންނަވާ އެފަދަ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުމެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ހާޝުގްޖީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި އެވެ. އަދި އެމައްސަލައިގައި ގިނަ ބަޔެއްގެ ތުހުމަތާއި ފާޑު ކިޔުން ވަނީ ސައުދީ ޝާހީ އާއިލާއަށް އަމާޒުވެފަ އެވެ.