30 Nov 2018, 17:53
ރާއްޖޭގެ ސްކޫލުތައް ހިންގުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އަތްމަތީގައި ހުރި ގިނަ ބާރުތަކެއް ސްކޫލުތަކެއް ދޫކޮށްލަން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރޭ ޓީވީއެމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށާއި، އެގޮތުގެ މަތިން ސްކޫލުތައްވެސް ލާމަރުކަޒުކޮށް، ބާރުވެރިކުރުވަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސްކޫލުތަކުގެ ވެރީން ބާރުވެރިކުރުވަން. ބާރުތައް ދޭން. މިހާރު މިނިސްޓްރީގައި ހުރި ގިނަ ބާރުތަކެއް ސްކޫލުތަކަށް ދޫކޮށްލަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ ރައީސް ސޯލިހުގެ މެނިފެސްޓޯގައި އޮތީ ސްކޫލުން ސްކޫލު ހިންގުމުގެ ނިޒާމު ނުވަތަ ސްކޫލް-ބޭސްޑް މެނޭޖްމެންޓް ސިސްޓަމަކަށް ސްކޫލުތައް ހިންގުން ބަދަލުކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއާ ގުޅޭ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
"ބައެއް ބާރުތައް [ސްކޫލުތަކަށް] ދޫކޮށްލުމުގެ ޕްރޮސެސް މިހާރުވެސް ކުރިއަށް އެބަ ގެންދެވޭ،" މިނިސްޓަރ ޑރ. އާއިޝަތު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި، ނަމަވެސް އެމީހުން ކުރާ މަސައްކަތާ އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށެވެ.
އެހެން ނަމަވެސް މުދައްރިސުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދޭނެކަމަށާއި، މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ޝައުގުވެރިކުރުވާނެ ފަދަ ކަންކަން ތައާރަފުކުރާނެކަމަށް ޑރ. އާއިޝަތު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ވައުދެއް މުދައްރިސުންނަށް ރަނގަޅު އިނާޔަތްތަކެއް ފޯޜުކޮށްދިނު[މަކީ]. ރަނގަޅު މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ވަރަށް މުހިންމު އެބޭފުޅުންގެ ޝައުގުވެރިކަން ދެމެހެއްޓުން. އެހެންވެ އިނާޔަތްތަކާއި އެއްޗެހި ރަނގަޅުކޮށްގެން ރަނގަޅު ޓީޗަރުން މި ދާއިރާއަށް އެޓްރެކްޓްކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.