30 Nov 2018, 14:37
ވޮޝިންޓަން (ނޮވެމްބަރު 30) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ރޫލް އޮފް ލޯ އާއި ގުޑް ގަވަނެންސް ގެއްލިފައިވާކަމަށާ އެކަން އަލުން އަނބުރައި އިއާދަކޮށް ޓްރަމްޕް ޒިންމާކުރުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ.
އެ ޕާޓީގެ ރައީސް ޗެއާމަން ޓޮމް ޕެރޭޒް ވިދާޅުވީ ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޮހެން ކޮންގްރެސްއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް އެއްބަސްވި މައްސަލައާ ގުޅިގެން ޓްރަމްޕް މަގާމުން އަޒުުލުކުރުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމުގައެވެ.
ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީއާއި އެމެރިކާ ސަރުކާރުގެ އިސްވެރިން އެތަށް ކަމަކަށް ޒިންމާކުރުވަންޖެހޭ ކަމަށާ އެކަން ކުރެވިއްޖެނަމަ ޓްރަމްޕް މަގާމުން ދުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޓޮމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޓްރަމްޕް މަގާމުން ދުރުކުރަންޖެހޭ ފަދަ އެތަށް އަމަލުތަކެއް އޭނާގެ ކިބައިން ފެންނަމުންދާއިރު އަދި އެމެރިކާ ސަރުކާރުގެ އިދާރާތަކުން ގުޑް ގަވަނަންސް ނުވަތަ ހެޔޮ ވެރިކަމުގެ ސިފަތައް މުޅިން ގެއްލި އަމިއްލަ މަސްލަހަތާއި މަކަރާއި ދޮގުހެދުމާއި އޮޅުވާލުމާއި ބޭރުގައުމުތަކާ ގުޅިގެން އެމެރިކާގެ ގައުމީ މަސްލަހަތު ނިގުޅައިގަތުމުގެ އަމަލުތައް އާންމުވެފައިވީނަމަވެސް ޓްރަމްޕާއި އޭނާގެ ޓީމު ޒިންމާކުރުވަން ރިޕަބްލިކަން ޕާޓީގެ އެއްބާރުލުން ނުލިބޭތީ ހިތާމަކުރައްވާ ކަމުގައެވެ.
2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސަލާގައި ޓްރަމްޕްގެ އަތެއްވާކަމަށް ރޮބަޓް މުލަރގެ ތަހްގީގްތަކުން ހާމަވުމުގެ ފުރްސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނާކަމަށާ އެހެންވެއްޖެނަމަ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ތެރެއިން ފަށާނެކަމަށްވެސް ޓޮމް ޕެރޭޒް ދެއްވިއެވެ. ހައުސްގެ އަގުލަބިއްޔަތު އޮތީ އިދިކޮޅު ޑޮމޮކްރެޓިކް ޕާޓީއަށެވެ. ސެނެޓްގެ އަގުލަބިއްޔަތު އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ނެންސީ ޕެލޫސީ ގެންދަވަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ހައުސްގެ ތެރެއިން ފެށުމަށް އަދި ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސަލާގައި ޓްރަމްޕްގެ އަތެއްވާކަން ތަހްގީގްތަކުން ހާމަވެއްޖެނަމަ ޕެލޫސީ އެކަމަށް ދެކޮޅު ނުހައްދަވާނެކަމަށާ އޭގެ ބަދަލުގައި އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ޕެރޭޒް ވިދާޅުވިއެވެ.
ޓޮމް މިހެން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސަލާގައި ރޮބަޓް މުލަރ ކުރައްވަމުން ގެންދަވާ ތަހްގީގްތަކަށް ދޮގު މަޢުލޫމާތު ދެއްވިކަން އެދުވަސްވަރު ޓްރަމްޕްގެ ގާނޫނީ ވަކީލަކަށް ހުންނެވި މައިކަލް ކޮހެން އެއްބަސްވެ ވަޑައިގަތުމާ ގުޅިގެންނެވެ. ކޮހެންވަނީ މިމައްސަލާގައި އޭނާ ކޮންގްރެސް އަށާއި މުލަރ އަށް ދެއްވީ މުޅިންވެސް ދޮގު މައުލޫމާތު ކަމަށާ އެކަމުގައި ވަރަށް ބޮޑަށް މަކަރު ހައްދަވާފައިވާނެކަމަށް އަމިއްލައަށް އެއްބަސްވެ ވަޑައިގެންފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް އަނެއްކާވެސް ވަނީ އެމެރިކާގެ އެތެރޭގައި "ހޫނު ފެނަށް" ވެއްޓިފައެވެ.
(އޭއެފްޕީ އަދި އަލްޖަޒީރާ)