29 Sep 2011, 13:08
އެސްޓީއޯ އިން ފުވައްމުލަކުގައި އަޅާ ޑޮމެސްޓިކް އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ މަހު ފަހުކޮޅު ނިމި، އެ މަހު 25ގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އޮގަސްޓް މަހު ތެރޭގައި އެސްޓީއޯ އިން އެއާޕޯޓުގެ މަސައްކަތާ ހަވާލުވުމަށް ފަހު އެ ހުރިހާ މަސައްކަތެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެއާޕޯޓްގެ 80 ޕަސެންޓް މަސައްކަތް މިހާރު ވެސް ނިމިފައިވާ ކަމަށެވެ.
"މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ]މަސައްކަތް[ ކުރިއަށް އެބަދޭ. އެއްވެސް ޑިލޭއެއްނެތް. ކުރިއަށް އޮތް މަހުގެ 25 އަށް މަސައްކަތް ނިންމާލެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދަނީ ރަންވޭގެ ފައުންޑޭޝަންގެ މަސައްކަތާއި ޓާމިނަލްގެ މަސައްކަތާއި ފަޔާ އަދި ޓަވަރު ބިލްޑިންގުގެ މަސައްކަތް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ މަސައްކަތްތައް ނިމި 25ގައި އެއާޕޯޓް އޮޕަރޭޓް ކުރަން ފެށޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެއާޕޯޓު ހިންގާނީ ވެސް އެސްޓީއޯ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ސާކްސަމިޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުރިން އެއާޕޯޓަށް ފުލައިޓްތައް އޮޕަރޭޓް ކުރެވޭ ގޮތް ހެދުން. އެގޮތުން 25 ގައި ފުލައިޓްތައް އޮޕަރޭޓް ކުރެވޭ ވަރުވާނެ. އެއާޕޯޓް ހިންގާނީ ވެސް އަޅުގަނޑުމެން." ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ފުވައްމުލަކު އެއާޕޯޓުގެ މަސައްކަތާ 7.5 މިލިއަން ޑޮލަރަށް ]115 މިލިއަން ރުފިޔާ[ އަށް ހަވާލުވީ އެ މަސައްކަތް ކުރަމުން ދިޔަ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން )ޕީސީއެޗް( އަށް ސާކް ސަމިޓްގެ ކުރިން އެ މަސައްކަތް ނިންމާނުލެވިގެންނެވެ.