ކުޅޭ ކުޅިވަރަކަށް އިނދެ ވަރިކުރުން އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ދައުރާ ގުޅޭ ގޮތުން މިއަދު ދެއްވި ހުތުބާގައި ބުނެފައިވަނީ، އެހެން ދީންތަކާއި ހިލާފަށް އަންހެނުންގެ ހައްގު އެންމެ ބޮޑަށް ރައްކާތެރިކޮށް އެންމެ މަތިވެރި ދަރަޖައެއް ދީފައިވަނީވެސް އިސްލާމް ދީނުގައި ކަމަށެވެ.

"ހަމަ އެފަދައިން އަންހެނެއް ފިރިހެނެއް ތަފާތުކުރުއްވުމެއް ނެތި މާތްﷲ ވަނީ އިންސާނުން މަތިވެރި ކުރައްވާފައި،" ހުތުބާގައި ވެއެވެ.

އެގޮތުން ޖާހިލިއްޔަ ޒަމާނުގައި އަންހެނުން އަނިޔާވެރިވުމުގެ ގޮތުން އެކި ގޮތް ގޮތަށް ވަރިކޮށް އުޅޭ ކަމަށާއި ނަމަވެސް އިސްލާމްދީން އައުމަށްފަހު އެކަން މަނާކޮށް އެ ހައްގު ރައްކާތެރިކޮށްދެއްވާފައިވާ ކަމަށެވެ.

"އަދި ކުޅޭ ކުޅިވަރަކަށް އަންހެނުންނާ އިނދެ ވަރިކުރުން މަނާކުރެއްވިއެވެ. އަދި އަންހެނުންނަށް އަނިޔާ ލިބޭނެ ހުރިހައި ކަމަކުން ރައްކާތެރިކުރެއްވިއެވެ. ފިރިމީހާ އަނބިމީހާއަށް އަނިޔާވެރިވުން ނަހީކުރެއްވިއެވެ. ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅެވެެން ނެޔްނަމަ އެކަނބަލުން ހެޔޮގޮތުގައި ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ،" ހުތުބާގައި ވެއެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރިކުރުން އެންމެ އާންމު ގައުމެވެ.

ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަންތައްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، އަންހެން ކުދިން ނުރުހޭ މީހަކާ މަޖުބޫރުން ކައިވެނިކުރެއްވުން ހުއްދަ ވެގެން ނުވާ ކަމަށެވެ. އަދި ފިރިމީހާ އަނބިމީހާއަށް އަނިޔާވެރިވުން ނަހީކުރައްވައި އަންހެނުންނަށް އަނިޔާ ލިބޭ ހުރިހާ ކަމަކުން އެކަނބަލުން ރައްކާތެރި ކުރެއްވި ކަމަށްވެސް ހުތުބާގައި ވެއެވެ.

އިސްލާމް ދީނުގައި، އަނބިދަރިންނަށް ހަރަދު ކުރުން ފިރިމީހާގެ މައްޗަށް ވާޖިބު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އަނބިމީއަށް ލިބޭ މުދަލުން އާއިލާއާއި ދަރިންގެ މައްޗަށް ހަރަދުކުރުން މަޖުބޫރު ނޫންކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ފިރިމީހާއާއި އާއިލާގެ މައްޗަށް ހަރަދު ކުރުމަކީ އަނބިމީހާއަށް ގިނަގުނަ ދަރުމަޔާ ސަވާބު ލިބޭނެ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.