ވެލިންޓަން (ނޮވެމްބަރު 30): ނިއުޒީލޭންޑުގެ ރަށަކަށް އިއްޔެ ގިނަ އަދަދެއްގެ ބޮޑުމަސް ލައްގައި، އޭގެ ތެރެއިން 51 ބޮޑުމަސް މަރުވެއްޖެއެވެ.

އެ މަސްތައް މަރުވުމުން، ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ އެސަރަހައްދުން މަރުވި ބޮޑުމަހުގެ އަދަދު ވަނީ 200އަށް ވުރެ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގެ ރަށަކަށް ބޮޑުމަސްތަކެއް ލައްގައި، 145 މަސް މަރުވެފައިވެއެވެ.

ނިއުޒިލޭންޑުގެ ޑިޕާޓްމެންޓު އޮފް ކޮންޒަވޭޝަން (ޑީއޯސީ)އިން ބުނި ގޮތުގައި އިއްޔެ ހޭންސަން ބޭއަށް 80 އާއި 90އާ ދޭތެރޭގެ އަދަދަކަށް ބޮޑުމަސް އުރުނެވެ. އޭގެ ތެރެއިން ބައެއް ބޮޑުމަސްތައް ފުންވި ނަމަވެސް 50 މަސް މަރުވެ، އެއް މަހުގެ ހާލު ދެރަވުމުގެ ސަބަބުން މަރާލަން ޖެހުނު ކަމަށް ޑީއޯސީން ބުންޏެވެ.

"އެ މަސް ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. އެހެންކަމުން އަޅުގަނޑުމެން ނިންމީ، ވޭން ނާޅާނެ ގޮތަކަށް މަސް މަރާލަން،" އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ސިފަކޮށް ޑީއޯސީގެ އައިލެންޑްސް އޮޕަރޭޝަންސް މެނޭޖަރު ވިދާޅުވިއެވެ.

ނިއުޒީލޭންޑުން މިހާރު ދަނީ ބޮޑުމަސްތައް ވަޅުލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމަސްތައް މަރުވީ ސަބަބު ދިރާސާ ކުރުމަށް އޭގެ ހަށިގަނޑުން ސާމްޕަލްތައް ނަގާފައިވާ ކަމަށް ޑީއޯސީން ބުންޏެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ނިއުޒީލޭންޑުގައި ބޮޑުމަސް ލެއްގުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. ނަމަވެސް ގިނަ އަދަދަކަށް، ތަކުރާރުކޮށް މަސް ލެއްގުމަކީ އާންމު ކަމެއް ނޫނެވެ.

އަދި އެ މަސްތައް މަރުވި ސަބަބުތަކުގެ ތެރޭގައި މޫސުން ގޯސްވުން ފަދަ ސަބަބުތަކާ ހެދި މަސްތަކަށް މިސްރާބު އޮޅުމާއި ބައްޔެއް ޖެހުން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.