30 Nov 2018, 11:38
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށައިފިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ މި އޮޑިޓު ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށެވެ.
ޑރ. އާއިޝަތު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަސް އަހރު ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ނޮވެމްބަރ 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް
"އެ މަސައްކަތް މިހާރު ފަށައިގެން މި އުޅެނީ. އޮޑިޓު ހަދާއިރު ހުރިހާ ކަމެއް ތިލަވެގެން ދާނެ. އޭގެން ފެންނަ އެއްޗެއްސަށް ބިނާކޮށް ޕްލޭނެއް ޑިވެލޮޕްކުރެވޭނެ [މިކަން ކުރުމަށް]،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާފަދަ ވަށާޖެހޭ ތައުލީމެއް ލިބޭ ދަރިވަރުންތަކެއް ތައްޔާރުކުރުމަށް ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މިހާރުވެސް އެއް ދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށްދާކަން ޑރ. އާއިޝަތު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށްޓަކައި، ސްކޫލުތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ހަދާ އޮޑިޓު ފަށަން އޮތީ ސަރުކާރުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ކަމަށާއި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ އޮޑިޓު ނިންމާނެ ކަމަށެވެ.
އެހެންކަމުން އަންނަ ޖެނުއަރީ 13 ވަނަ ދުވަހު ފަށާ ދިރާސީ އަހަރުގެ ކިޔެވުން ފަށާ އިރު، މިހާރު އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް ފިޔަވާ އެހެން ސްކޫލެއްގައި އަލަށް އެއް ދަންފަޅިއަށް ކިޔަވައިދޭން ނުފަށާނެ ކަމަށެވެ.
"މިހާރު ހުރި ސްކޫލުތަކުގެ އިތުރުން އަދި އެހާތަނަކަށް އެހެން ސްކޫލެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު އޮޑިޓަށްފަހު ބަދަލުކުރެވެން ހުރި ތަންތަން ބަދަލުކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދާނީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، އަދި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ލަފާވެސް ހޯދައިގެން ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދިނެވެ.