ލަންޑަން (ނޮވެމްބަރު 30): އިނގިރޭސިވިލާތުގެ ސްކޫލެއްގައި ކިޔަވަމުންދާ ސީރިއާގެ ރެފިއުޖީ ކުއްޖަކަށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން، އެކުއްޖާގެ އާއިލާއަށް އެހީވުމަށް ފެށި ކެމްޕެއިނަކުން 175،000 ޑޮލަރު އެއްކޮށްފިއެވެ.

ހަޑާސްފީލްޑް ސިޓީގެ އަލްމަންޑްބަރީ ކޮމިއުނިޓީ ސްކޫލުގައި ރެކޯޑުކޮށްފައިވާ އެވީޑިއޯއިން ފެނިގެން ދަނީ 15 އަހަރުގެ ސީރިއާގެ ކުއްޖަކާއި އިތުރު ދަރިވަރެކެވެ. އަދި އެ ދަރިވަރު، ސީރިއާގެ ކުއްޖާ ކޮށްޕައި، ބިންމައްޗަށް ވައްޓާލުމަށް ފަހު މޫނަށް ފެން އަޅާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ސީރިއާގެ ކުއްޖާއަށް އަނިޔާކުރި ނަމަވެސް އެކުއްޖާ ބަދަލު ހިފަން މަސައްކަތް ކުރާ މަންޒަރު ވީޑިއޯއިން ނުފެނެއެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ އަދަދެއްގެ މީހުން ވަނީ އެކުއްޖާއަށް ހަމްދަރުދީ ފާޅުކޮށްފައެވެ. އަދި އެހެން ފަރާތްތަކުން ވަނީ ގަނާކުރުން ހުއްޓުވުމަށް ސްކޫލުން މަސައްކަތް ނުކުރާތީ، އެކަން ކުށްވެރިކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު އެ ވީޑިއޯ އާންމުވި ފަހުން، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ފެށި ކެމްޕެއިނަކުން ވަނީ އެ ކުއްޖާއާއި އާއިލާއަށް އެހީވުމަށް 192،000 ޑޮލަރު އެއްކުރުމަށް މަސައްކަތް ފަށާފައެވެ. އެ ކެމްޕެއިނަށް މިހާތަނަށް 175،000އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް ކެމްޕެއިން ފެށި މުހައްމަދު ތާހިރު ބުންޏެވެ.

ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއްގައި އެ ފިރިހެން ކުއްޖާ ވަނީ ގަނާކުރުމުގެ ސަބަބުން ސްކޫލަށް ދާން ބިރުގަންނަކަމަށް ބުނެފައެވެ.

އަދި އެ ވީޑިއޯ އާންމުވި ފަހުން، ހަމަ އެ ސްކޫލުގައި ކިޔަވާ ބުރުގާ އަޅާ އަންހެން ކުއްޖަކަށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެއީ އެ ފިރިހެން ކުއްޖާގެ ކޮއްކޮއެވެ.

އެމައްސަލައިގައި ފުލުހުން ވަނީ 16 އަހަރުގެ ކުއްޖަކާ ސުވާލުކޮށް، އެ ކުއްޖާގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ބުނެފައެވެ.

ސީރިއާގައި 2011 ވަނަ އަހަރު ފެށި ހަނގުރާމައިން ސަލާމަތްވުމަށް އިނގިރޭސިވިލާތަށް ދިޔަ އެ އާއިލާ، މިހާރު ދިރިއުޅެމުން ދާ ތަން ނޫން އެހެން ތަނަކަށް ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް އެ އާއިލާގެ ވަކީލު ވިދާޅުވިއެވެ.