30 Nov 2018, 02:23
މަތީ ތަޢުލީމް ހާސިލުކުރަން ބޭނުންވާ ކުދިންނަށް ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަތީ ތަޢުލީމް ހިލޭ ކިޔަވައި ދެއްވުމަށް ހަމަޖައްސައި ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެވިޑް ކޮލެޖުން ދަސްވެނިވުނު ހުރިހާ ދަރިވަރުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.
އަދި، އެ ދަރިވަރަކު މަތީ ތައުލީމު ހާސިލުކުރި ދާއިރާއަކުން ޤައުމަށް އިހްލާސްތެރި ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވާނޭކަމަށް ޔަގީން ކުރައްވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މި ސަރުކާރުން ތަފާތު އެކި ތަމްރީނުތަކާއި ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގެވުމަށް ރާވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު ނައިވު ރައީސް ފައިސަލް ވަނީ މާސްޓަރ އޮފް ޕްރޮޖެކްޓް މެނޭޖެމަންޓް ހާސިލުކުރި ދަރިވަރުންނަށާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރި ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.