30 Nov 2018, 01:23
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ކުރިން ކުރަމުން އައި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ގެއްލި ޖުމްހޫރީ ޕާޓީއަށް ލިބިއްޖެ އެވެ.
މިރޭ އެންމެ ފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދައިރާގެ މެމްބަރު ރިޔާޒު ރަޝީދާ އެކު އެޕާޓީގެ މެމެބަރުންގެ އަދަދު 22 އަށް ވަނީ އަރާފައެވެ.
މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 19 އެވެ. އެމްޑީޕީއަށް މެންބަރުންގެ އަދަދު ދަށްވެފައި ވަނީ އާ ސަރުކާރުގެ މަގާމުތަކަށް ދިއުމަށް ހަ މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކިނބިދޫ ދައިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިރޭ "ސަން" އަށް ވިދާޅުވީ، ޖޭޕިއަށް ލިބޭ ކޮންމެ ކާމިޔާބަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި އެޕާޓީ ކުރިޔަށް އޮތްތާގައިވެސް މަސައްކަތް ކުރާނީވެސް ސަރުކާރު ކޯލިޝަން ޕާޓީތަކާއި ގުޅުގެން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަ ކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވަނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވުން،" ކުރީގެ ޕޮލިސް ކޮމިޝަނަރުކަންވެސް ކުރެއްވި ރިޔާޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު --- ސަން ފޮޓޯ/ފަޔާޒު މޫސާ
އޭނާ އިތުރަށް ވިދާޅުވ،ީ އުންމީދަކީ ކުރިއަށް އޮތްތާގައި ވެސް އެ ޕާޓީއާ މެމްބަރުން ގުޅުން ކަމަށާއި އަދި އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް އޮތް ގޮންޖެހުމެއްވެސް ނޫން ކަމަށެވެ.
މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 79 އެކެވެ. މަޖލީހުގެ މެޖޯރިޓީ ޕާޓީ އަކީ އަދިވެސް އިދިކޮޅު ޕީޕީއެމް އެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 28 އެވެ.
އެމްޑީއޭގެ ހަތަރު މެންބަރުންނާއި އަދާލަތު ޕާޓީގެ އެއް މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހަތް މެންބަރެކު ހިމެނިވަޑައިގަންނަވައެވެ.