30 Nov 2018, 01:19
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ބަޔަކު އޮޅުވާލުމުގެ ކޯލްތަކެއް ކަސްޓަމަރުންނަށް ކުރަމުންދާ ކަމަށާއި އެފަދަ ކޯލްތަކަށް ޖަވާބު ނުދީ ސަމާލުވުމަށް، އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.
މީގެ ކުރިންވެސް އެ ބޭންކްގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކަސްޓަމަރުންނަށް ގުޅާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
މިއަދު ބީއެމްއެލް އިން ބުނީ، ބޭންކްގެ ކަސްޓަމަރުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެފައިވާ ކަމަށާއި އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ހަދާފައިވާ ޕޯސްޓަރެއް ---- ފޮޓޯ: ބީއެމްއެލް
އެކުންފުނިން އިތުރަށް ބުނެފައިވަނީ، ފޯނު ކޯލާއި އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް ކާޑު ނަމްބަރު، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަން އެއްވެސް ކަސްޓަމަރަކަށް އެ ބޭންކުން ނުގުޅާނެ ކަމަށެވެ.
އަދި އޭގެ އިތުރުން، ވަން-ޓައިމް ޕާސްވޯޑް(އޯޓީޕީ)، އިންޓަރނެޓް ނުވަތަ މޯބައިލް ބޭންކިންގްގެ ޕާސްވޯޑް އަދި ޔޫސަރނޭމް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.