ރާއްޖޭގައި އަސްކަރީ ބޭސް އެއް އެޅުމަށް ޗައިނާއިން އެއްވެސް އިރެއްގައި ޝަރުތެއް ނުކުރާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒާންގް ލިޒޯންގް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭން ޗައިނާއާ އެކު އަސްކަރީ ގުޅުން ދެމެހެއްޓެން އޮތީ ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދީގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ލިޒޯންގް މިއަދު ވިދާޅުވީ، ޗައިނާއާ ރާއްޖެއާ ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެގައުގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި އެޅުމަށް އެގައުމުން ޝަރުތު ނުކުރާ ކަމަށާއި، ބޭސް އެޅުމަކީ އާންމުކޮށް ޝަރުތު ކުރާ ކަމެއް ވެސް ނޫން ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް އަސްކަރީ ދާއިރާއިން ފޯރުކޮށްދިން އެހީތައް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ދިވެހި ސިފައިންނަށް އެތައް ތަމްރީނު ފުރުސަތުތަކެއް ފޯރުކޮށްދިން ކަމަށާއި އެމްއެންޑީއެފްއަށް ސީ އެމްބިއުލާންސެއް ވެސް ޗައިނާއިން ހަދިޔާކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހި ކޯސްޓު ގާޑުން ޗައިނާގެ ޓޫރިސްޓުންނަށް ވެސް ކުއްލި ހާލަތްތަކުގައި އެހީ ފޯރުކޯށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ރާއްޖެއާ ޗައިނާގެ ދެމެދުގައި ގާތް ގުޅުމެއް އުފެއްދީ ދެ ގައުމުގެ ސަރުކާރުތަކުގެ ބޭފުޅުން ޒިޔާރަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.