ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޖަރުމަންވިލާތުގެ ބެޔާން މިއުން އަތުން 2-0 ލަނޑުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ދެކޮޅު ހެދި ކާލޮސް ޓެވޭޒް ދެކޮޅު ހެދުމުން މެންޗެސްޓާ ސިޓީއިން ދެ ހަފްތާއަށް އޭނާ ސަސްޕެންޑް ކޮށްފިއެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެޔާން އާއި ދެކޮޅަށް ކުޅެން އެރުމަށް ކާލޮސް ޓެވޭޒް ދެކޮޅު ހަދާފައިވާ ކަމަށް އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފައިވެއެވެ. ނަމަވެސް މަންޗިނީ އެހެން ބުނިތާ މާ ގިނައިރުތަކެއް ނުވަނީސް ޓެވޭޒް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

މެންޗެސްޓާ ސިޓީއިން ޓެވޭޒް ސަސްޕެންޑް ކޮށްފައިވާ ކަން އެކުލަބުން ވަނީ ކަށަވަރު ކޮށްދީފައެވެ. "ދެހަފްތާގެ ގެ މުހުލަތަކަށް ކާލޮސް ޓެވޭޒް ވަނީ ސަސްޕެންޑް ކުރެވިފައި. ޓެވޭޒް ސަސްޕެންޑް ކުރެވުނީ މިދިޔަ އާދީއްތަ ދުވަހު ބެޔާން އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި އަހުލާގު ބެހެއްޓި ގޮތްތައް ބެލުމަށް ފަހު." މެންސިޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ބަޔާނެއްގައި ވެއެވެ.

ނިމިގެންދިޔަ ޓްރާންސްފާ ޕީރިއަޑުގައި މެންޗެސްޓާ ސިޓީ ދޫކޮށް ބްރެޒިލްގެ ކޮރިންތިއަންސް އަށް ބަދަލުވުމަށް މަސައްކަތް ކުރި ކާލޮސް ޓެވޭޒަކީ މިހާރު ބެންޗުން ފެންނަ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގެ ކެޕްޓަން ބޭންޑު އަޅައިގެން މެންސިޓީގެ ފުރަތަމަ އެގާރައިން ފެންނަ ކާލޮސް ޓެވޭޒަށް މިސީޒަނުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ވަނީ ދަތިތަކަކާއި ކުރިމަތި ވެފައެވެ.