ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެކިއެކި ކޮންޓެންޓް ހިމެނޭގޮތަށް ލޯންޗުކުރި ސްޓްރީމިންގް ޕްލެޓްފޯމް "ބައިސްކޯފު"ގެ މޯބައިލް އެޕްލިކޭޝަން އެޕަލް އެޕްސްޓޯރަށް ދޫކޮށްލައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ލޯންޗުކުރި އެޕް އޭރު ޑައުންލޯޑުކުރެވޭ ގޮތަށް އޮތީ ހަމައެކަނި ގޫގްލް ޕްލޭސްޓޯރ މެދުވެރިކޮށް، އެންޑްރޮއިޑު ފޯނުތަކަށެވެ. އެހެން ނަމަވެސް މިހާރު އެޕަލް ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކަށްވެސް "ބައިސްކޯފު" ޑައުންލޯޑުކުރެވޭނެ މަގުފަހިވީއެވެ.

ކުލަގަދަ ހަފްލާއަކާ އެކު ލޯންޗުކުރި "ބައިސްކޯފު" ގެ ޓީމުން ބުނީ އެ އެޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ބަޔަކު އެ އެޕް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ބައިސްކޯފު އެޕްލިކޭޝަން----

"ބައިސްކޯފު" އަކީ ހުރިހާ އުމުރުފުރާއަކަށް އެކަށީގެންވާ ގޮތަށް ފަރުމާ ކުރެވިފައިވާ އެޕެކެވެ. އެ އެޕްއަކީ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ބެނުން ކުރެވޭނެ ގޮތަށް ގިނަ ފީޗާރސް ތަކެއް އެކުލަވަލައިގެން ލޯންޗުކޮށްފައިވާ އެޕެކެވެ.

"ބައިސްކޯފު" މެދުވެރިކޮށް ދިވެހިލަވައިން ފެށިގެން ލައިވްކޮށް ޓީވީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ފަހިވެފައި ވާއިރު ކުޑަކުދިންނަށް ހާއްސަ ކެޓެގަރީއެއްވެސް ހިމެނެއެވެ. އަދި މަދަހަ، ވާހަކަ، ވެބް ސީރީޒްތައް، ދިވެހި ފިލްމު އަދި ކަރޯކޭއަށް ހާއްސަ ކެޓެގަރީތައް ވެސް ހިމެނެއެވެ.

އެ އެޕުން ފުރަތަމަ ދައްކާނެ ދިވެހި ވެބް ސީރީޒަކީ ފާތިމަތު ނަހުލާގެ "ހުވާ" އެވެ. އެ ސީރީޒް މިރޭ ނުވައެއް ޖަހާއިރު "ބައިސްކޯފު"އިން ސްޓްރީމްކުރެވޭނެއެވެ.