29 Nov 2018, 13:57
އަންން އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ސާފު ފެނާއި ނަރުދަމާގެ ބޭނުން ޖެހިފައިވާ ރަށްތަކަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
އަނަން އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަމުން މައުރޫފު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ވެގެން ދާނީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ފެނާއި ނަރުދަމާ އެ ރަށްތަކުގައި އެޅިގެން ދާނެ ފަސް އަހަރަށް ކަމަށެވެ. އަދި ވިދާޅުވީ، ބަޖެޓުގެ އިތުރުން ސަރުކާރުން އެކި ގޮތްގޮތަށް ހިލޭ އެހީ ހޯއްދަވައިގެން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ހާއްސަކޮށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭނީ ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާ ބޭނުންވެފައިވާ ރަށްތަކަށް އެކަންތައްތައް ކޮށްދިނުން،" އަލީ މައުރޫފް ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގެ ފެން ހުރީ ތަގައްޔަރުވެފައި ކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ، އެ ރަށްތަކަށް އަޅާލުމުގެ ބަދަލުގައި ފެނިގެން ދަނީ ސިޔާސީ މަންފާ ހޯދުމަށް އާބާދީ ބޮޑެތި ރަށްތަކުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ މަންޒަރު ކަމަށެވެ.
"ހާއްސަކޮށް މިއަދު ވެސް އަޅުގަނޑުމެނަށް ފެންނަނީ މާލެ އަށް 2.5 ބިލިއަން ރުފިޔާ އެބައޮތް ބަޖެޓް ކުރެވިފައި ނަމަވެސް އަތޮޅުތެރެއަށް އޮތީ ވަރަށް ކުޑަ އެއްޗެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ހަމަހަމަ ކަމެއްގެ ގޮތުގަ އެއް،" މައުރޫފް ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުން ވާނީ ރަށް ރަށުގެ ތަރައްގީއަށް ބެޖުޓުގައި ޖެހި އައިޓަމްތައް ފުރިހަމަ ކޮށްދީފައި ކަމަށާއި މިސަރުކާރުން ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ހަމައެކަނި ނަމެއް ބޭނުން ކޮށްލަން ނުވަތަ ރައްޔިތުން ހިތް ހަމަ ޖައްސާލަން ބަޖެޓު ފޮތުގައި އެ އައިޓަމް ހިމަނާލުމަކީ މިއަދު ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން،" އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުންކަން ވެސް ކުރައްވަމުން ގެންދަވާ އަލީ މައުރޫފު ވިދާޅުވި އެވެ.
ބަޖެޓު ފޮތުގައި ޕްރޮޖެކްޓްތައް ޖެހުމަށް ފަހު، އެކަންތައް ކޮށްދިނުމަށް މަޖިލިސް މެންބަރުން ގޮސް ސަލާން ޖަހަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ވަޒީރުންގެ އެންމެ ބޮޑު ޒިންމާއަކީ ބަޖެޓު ފޮތުގައި ޖަހާފައި ހުރި ޕްރޮޖެކްޓްތައް ހިންގުން ކަން މައުރޫފް ފާހަގަކުރެއްވި އެވެ.
"ކޯލިޝަން ސަރުކާރެއްގެ ވަރަށް ބޮޑު ޒިންމާއެއް އެއީ ވަޒީރުން އެކަން ކުރޭތޯ ސީދާ އެ ބޭފުޅުން ބައްލަވައި ޒިންމާދާރު ކުރުވުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ވެގެން ދާނީ ރާއްޖެއަށް ތިޔާގި ފަސް އަހަރަށް." މައުރޫފް ވިދާޅުވި އެވެ.