ޗެމްޕިއަންސް ލީގުގައި ރޭ ބާޓޭ ބޮރިސޯވް ކޮޅަށް ބާސެލޯނާއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކުރި ލިއޮނަލް މެސީ، އެކުލަބުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

ދެވަނާގައި އޮތް ބާސެލޯނާގެ ކުރީގެ ތަރި ލާސްލޯ ކުބާލޯ ޖެހި ލަނޑުގެ އަދަދާއި މެސީ ޖެހި ލަނޑުގެ އަދަދު މިހާރު މިވަނީ ހަމަހަމަ ވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު، އޭނާ ވަނީ ބާސެލޯނާ އަށް ކާމިޔާބު ކޮށްދިން ލަނޑުތަކުގެ އަދަދު 192 ލަނޑަށް އަރާފައެވެ. ރޭ ޖެހި ދެލަނޑާއެކު މެސީ ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ 194 ވަނަ އަށް އަރާފައެވެ. މެސީ ގެ އިތުރުން ހަންގޭރީގެ ކުބާލާ ވެސް ބާސާ އަށް ކާމިޔާބު ކޮށްދިނީ 194 ލަނޑެވެ.

އުމުރުން 24 އަހަރުގެ އާޖެންޓީނާ ފޯވާޑް މެސީ ބާސާ އަށް ކާމިޔާބު ކޯށްދިން 194 ލަނޑުގެ ތެރެއިން 127 ގޯލު ޖަހާފައިވަނީ ލަލީގާގައެވެ. 39 ގޯލު ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރިއިރު 17 ލަނޑު ކާމިޔާބުކުރީ ކޮޕާ ޑެލް ރޭ ގައެވެ. ދެ ލަނޑު ކުލަބް ވޯލްޑް ކަޕްގައި ކާމިޔާބުކޮށް، އަނެއް ލަނޑު ކާމިޔާބު ކޮށްފައިވަނީ ޔޫރަޕިއަން ސުޕަ ކަޕް ގައެވެ.

"ކުރީގެ މޮޅު ކުޅުންތެރި އަކާއި އެއްވަރު ކުރެވުމުން މިހިރީ ވަރަށް އުފާވެފަ. އަހަރެން ބޭނުމީ ބާސާގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާ އަށް ވާން." ބާޓޭ ބޮރިސޯވް ދެކޮޅަށް ބާސެލޯނާ ބައްދަލުކުރި މެޗަށްފަހު މެސީ ބުންޏެވެ.

"މެސީގެ ފަރާތުން އިތުރު ގޯލު ތަކެއް ފެނިގެންދާނެ. ބާސާގައި އޭނާ ހުރުމުން އަހަރެން އުފާކުރަން." ބާސެލޯނާގެ ސްޕެއިން ފޯވާޑް ޑޭވިޑް ވިޔާ ބުންޏެވެ.

ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މެސީ މަރުހަބާ ކިޔައި ތަޢުރީފު ކޮށްފައެވެ.

"މެސީ އެވަނީ ބާސާގެ ކުރީގެ ކުޅުންތެރިއަކާއި ގޯލުގެ ގޮތުން ހަމަހަމަ ކޮށްފަ. އަދި މެސީ އަށް ވެފައިވަނީ އެންމެ 24 އަހަރު. މިވަގުތު އަހަރެން ބޭނުމީ އޭނާއަށް މަރުހަބާ ކިޔަން." ގާޑިއޯލާ ބުންޏެވެ.

މެސީ ދެން މުގުރާލަން އުންމީދު ކުރާނީ ބާސާއަށް އެންމެ ގިނަ ގޯލު ޖެހި ސީސާ ރޮޑްރިގޭޒް ގެ ރެކޯޑެވެ. ސީސާ ރޮޑްރިގޭޒް ވަނީ ބާސާ އަށް 235 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.