އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ގޮތަކާ މެދު ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުން ރައްޔިތުން މާޔޫސްވާ ފަދަ ނިންމުމެއް ނުނިންމާނެ ކަމަށާއި ނެރޭނީ މެޖިކް ފޯމިއުލާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ރައްޔިތުން ޑިސަޕޮއިންޓް ނުވާ ފަދަ ފޯމިއުލާއެއް ނެރުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުން ޑިސަޕޮއިންޓް ނުވާނެ ގޮތަކަށް އެ ފޯމިއުލާއެއް ނެރޭނަން. އެއީ މެޖިކް ފޯމިއުލާއެއްތޯ ތިޔަ ބޭފުޅުން ސުވާލު ނުކުރައްވާތި. އެކަމަކު ނެރޭނީ އެ ފޯމިއުލާ،" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކަންކަން ނިމިގެން ދާނީ ހުރިހާ ޕާޓީތަކާއި ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ.

"އެ ރައްޔިތުން ބޭނުންވާ އިހްތިޔާރުކުރާ ގޮތަށް އެ ރައްޔިތުންނަށް އިންތިހާބުތަކުގައި ބައިވެރިނުވެވޭނެ ގޮތަކަށް އަޅުގަނޑުމެން ވިސްނަމަކު ނޫން މިދަނީ،" ނަޝީދު ވިދާޅުވި އެވެ.

ހަތަރު ލީޑަރުން ވެސް ވަނީ ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ނިންމުމެއް ނިންމެނޭ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މިއަދު އެމްޑީޕީ އޮފީހުގައި ހަތަރު ލީޑަރުން ފެއްޓެވުމުގެ ގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބައްދަލުވުމުން ގޮތެއް ނިންމޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް ބައްދަލުވުން ނިމިގެން ދިޔައީ ގޮތެއް ނުނިމި އެވެ. އަދި ގޮތެއް ނިންމުމަށް އިތުރު ބައްދަލުވުމެއް މާދަމާ ބާއްވާނެ ކަމަށް ނަޝީދު ވަނީ ބައްދަލުވުމް ނިންމަވާލައްވަމުން ވިދާޅުވެފަ އެވެ.