ޕާޓީގެ އެތެރޭގެ އިންތިހާބަކީ ޕާޓީގެ އެންމެ މުހިއްމު ހަރަކާތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނާޒިމްގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ރޭ ވިދާޅުވީ ޕްރައިމަރީއަށް ފަހު ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވާ ނަމަ އެއީ އެމަނިކުފާނު ވަރަށް ހިތާމަކުރައްވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ޕާޓީގެ އެންމެ މެމްބަރުން ކިބައިން އެދެން މި ނުކުތާ އެންމެ ސިކުންތަކަށް ވެސް ހަނދާނުން ނައްތާނުލުމަށް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ މެންބަރުންނާ އެކު ކަމަށެވެ.

ޕްރައިމަރީ އަށް ފަހު މޮޅުވާ ކެނޑިޑޭޓް ގަބޫލުކޮށް އެ ކެނޑިޑޭޓާ އެކު މަސައްކަތް ކޮށްދިނުމަށް ނަޝީދު ވަނީ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އަންނަ އަހަރުގެ މާޗު މަހު ބާއްވަން ނިންމާފައިވާ އެ އިންތިހާބަކީ މުހިއްމު އިންތިހާބަކަށް ވާނެ ކަމަށާއި އެ އިންތިހާބުން ހޮވާ މަޖިލީހުގެ މަސްއޫލިއްޔަތުތައް ވެސް ތަފާތުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.