އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ހަތަރު ބައިވެރިން ވާދަކުރާނެ ގޮތަކާ މެދު ގޮތެއް ނިންމަން ބައްދަލު ވުމެއް ފަށައިފި އެވެ.

އެ ބައްދަލުވުން ފަށާފައި ވަނީ މިއަދު ހެނދުނު 10:15ގައި އެމްޑީޕީ އޮފީހުގަ އެވެ. ބައްދަލުވުމުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ހަތަރު ލީޑަރުން މިއަދު އެމްޑީޕީ އޮފީހުގައި ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން

މީގެ އިތުރުން އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އިބްރާހިމް ޝިހާބާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނު އާއި އަނީސާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ހަތަރު ބައިވެރިން ވާދަކުރާނެ ގޮތަކާ މެދު މިއަދު ގޮތެއް ނިންމެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.