29 Nov 2018, 09:25
ވޮޝިންޓަން(ނޮވެމްބަރު 29): އެމެރިކާގެ ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ ވަރަށް ފެންވަރު މަތީ ދިފާއީ އައްޑަނައިގެ ނިޒާމެއް ގަތުމަށް ސައޫދީ އަރަބިޔާއިން އެއްބަސްވެއްޖެކަން އެމެރިކާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ސައޫދީން ގަތުމަށް އެއްބަސްވީ 15 ބިލިޔަން ޑޮލަރުގެ" ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިޔާ ޑިފެންސް" (ތާޑް) މާރުކާގެ ދިފާއީ ނިޒާމެއްކަމުގައެވެ. މިނިޒާމާއެކު އޭގައި ހިމެނޭ ރޮކެޓް ލޯންޗާގެ 44 ލޯންޗާއާއި ބެޓްރީތައް ގަތުމަށްވެސް ސައޫދީ އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ގެ ތަރްޖަމާން ހީތަރ ނައުއާޓް ވިދާޅުވިއެވެ.
މިއީ ސައޫދީއަށް ހަތިޔާރު ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައިގެން އެމެރިކާގެ އިގްތިސާދު ރަނގަނޅު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ޓްރަމްޕް ހޯއްދެވި ބޮޑު ކާމިޔާބީ އެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ. ޓްރަމްޕް މިދިޔަ އަހަރު ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 460 ބިލިޔަން ޑޮލަރު އެމެރިކާގައި އިންވެސްޓް ކުރުމަށާއި އެމެރިކާއިން ހަތިޔާރު ގަތުމަށް ޚަރަދު ކުރާނެ ކަމުގެ ގެރެންޓީ ސައޫދީ ސަރުކާރުން ހޯއްދަވާފައެވެ.
ޓްރަމްޕްގެ ދަތުރުފުޅުގައި މިކަމާބެހޭ އެއްބަސްވުމެއްގައި އެމެރިކާއި ސައޫދީ މަސްއޫލުވެރިން ކުރައްވާފައިވެއެވެ. އެމެރިކާއިން ގަތުމަށް ސައޫދީން ނިންމި 15 ބިލިޔަން ޑޮލަރުގެ ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިޔާ ޑިފެންސް ސިސްޓަމަކީވެސް މި 460 ބިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނޭ ޝިޕްމަންޓެއް ކަމަށް ވެއެވެ.
އެމެރިކާގައި އުފައްދާ ދިފާއީ ނިޒާމުތަކަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު މަތި ކަމަށް ނަންމަޝްހޫރު ރަޝިޔާގެ އެސް 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަތުމުގެ ވިސްނުން ސައޫދީ ގެންގުޅޭ ކަމުގެ އަޑު ފެތުރުމާއެކު އެމެރިކާވަނީ ފަރުދާގެ އަނެއް ފަރާތުން ސައޫދީ އަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށް ބިރު ދައްކައިގެން މިކަމަށް ހުރަސްއަޅާފައި ކަމަށާ ނަމަވެސް މި ފިއްތުންތަކާ އަދި މިކަމަށް އެމެރިކާ އެޅި ހުރަސްތަކުގެ ވާހަކަ ދައްކަން ސައޫދީ ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ހަތިޔާރުގެ އިންޑަސްޓްރީން އުފައްދާ ހަތިޔަރާއި އަސްކަރީ އުފެއްދުންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ ގަންނަނީ ސައޫދީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ސައޫދީން ގަތުމަށް އެއްބަސްވި އެމެރިކާގެ 15 ބިލިޔަން ޑޮލަރުގެ ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިޔާ ޑިފެންސް (ތާޑް) މަރުކާގެ ދިފާއީ ނިޒާމު ގަތުމުގެ ހުރިހާ ކަމެއް 2019 ވަނަ އަހަރު ފެށުމުގެ ކުރިން ނިމޭނެ ކަމަށް ނަންހާމަކުރަން ނޭދޭ ސައޫދީ މަސްއޫލުވެރިއަކު ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)