03 Jun 2010, 14:33
19:00
ސިއްހީ ހިދުމަތް ދޭ ފަސް ތަނެއްގައި ތިބި މުވައްޒަފުން މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނަށް ބަދަލުވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި މާލޭ ސިއްހީ މަރުކަޒާއި ވިލިމާލޭ ސިއްހީ މަރުކަޒު އަދި ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި މެއި 31 ގެ ނިޔަލަށް ވަޒީފާ އަދާކުރަމުން އައި މުވައްޒަފުން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުންޏަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ލިޔުންތައް އެ މީހަކު ވަޒީފާ އަދާކުރާ ތަނަކުން ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާންގައި އަދި ބުނެފައިވަނީ އެ ލިޔުންތައް ފުރިހަމަކުރުމަށް ފަހު އަންނަ އާދިއްތަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި މި ވަގުތު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް އާދީއްތަ ދުވަހުގެ ކުރިން އެ ލިއުންތައް ހުށަހަޅަންޖެހެ އެވެ.
މާލޭ ސަރަހައްދުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ގާއިމްކުރުމުގެ ނިޔަތުގައި އުފައްދާފައިވާ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ދަށަށް ދާން ބޭނުން ނުވާ ސިއްހީ ދާއިރާގެ މުވައްޒަފުން އެކަން ހެލްތު މިނިސްޓްރީ އަށް ހުށަހެޅުމަށް އެ މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ އަންގާފަ އެވެ. އަދި ހެލްތު ސާވިސް ކޯޕަރޭޝަނަށް ބަދަލުވާން ބޭނުންނުވާ މުވައްޒަފުން، އެކަން ލިޔުމަކުން އޭޕްރިލް 21 ގެ ކުރިން ހެލްތު މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.