ސީލައިފް އާ ގުޅޭ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގައި ހައުސިން ޔުނިޓްތައް އަޅައިނުދީ މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި ކޮންމެ މީހަކު 50،000 ރުފިޔާ ދެއްކި އިރު އެއަށް ވުރެ ގިނައިން ފައިސާ ދެއްކި މީހުން ވެސް އެބަތިއްބެވެ.

އެތައް އަހަރެއް ވީއިރުވެސް މަސައްކަތް ނުފެށިވާތީ، އެ ފައިސާ އަނބުރައި ހޯދުމަށް ސީލައިފްގެ މައްޗަށް ދައުވާކުރަންވެސް ގިނަ ބަޔަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ފުލުހުން ބުނީ މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު އެބަތިބިކަމަށް ތަހުގީގަށް ހާމަވާކަމަށެވެ.

ސީލައިފުން އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާއިއެކު، ފުލުހަށް މައްސަލަ ހުށަހެޅުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރުން ސީލައިފް އިން ހިންގަން އުޅުނު މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅައިފައެވެ.