ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި ފަދައިން، ސިފައިންނަކީ ރައްޔިތުންގެ މެދުގައި އިތުުބާރާއި އިހުތިރާމް ލިބިގެންވާ ބަކަށް ހަދާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިޔާ ކަމުގެ ހުވާކުރައްވައި، ދެއްވި ހިޠާބުގައި ރައީސް ޞާލިހް ވިދާޅުވީ، ސިފައިނަކީ އިހުތިރާމާއި ރައްޔިތުންގެ މެދުގައި އިތުބާރު ހުރި ބަޔަކަށް ހަދާނެ ކަމަށެވެ.

ރޭ ރާއްޖެ ޓީވީ އިން ގެނެސް ދިން "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އެކަމަނާގެ މަސައްކަތަކީ ސިވިލް މަސައްކަތެއް ކަމަށާއި ރައީސް ޞާލިހް ވިދާޅުވި ފަދައިން، އެމަނިކުފާނުގެ ސަރުކާރެއްގައި ސިފައިންނަކީ އިހުތިރާމް ލިބިގެންވާ އަދި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށް ހައްދަވައި ދިނުން ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ސަރުކާރުގެ ސިޔާސަތުތައް މިނިސްޓްރީގައި ތަންފީޒުކޮށް ބެލުން، އަދި އޭގެ އިތުރުން ރައީސް ސޯލިހް ވިދާޅުވި ފަދައިން ސިފައިންނަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބޭގޮތް ހަދައި ދިނުން،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިޔާސީ ނުފޫޒު ސަލާމަތީ ބާރުތަކަށް ވަދެފައި އޮތީ ކިހިނެއްތޯ މަޖިލިސް ބަަލަމުން ގެންދާ ކަމަށާއި އެގޮތަށް ބެލުމުން އެ ކިހިނެތް ހިނގައި ދިޔަ ކަމެއްތޯ ސާފުވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުސްތަގުބަލުގައި ސިޔާސީ ނުފޫޒު ސިފައިންނަށް ނުވަނުމަށް ކުރެވޭނީ ކޮންކަމެއްތޯ އެނގިގެން ދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ: އެކަމާ ވިދާޅުވީ ސިފައިންނަޚި އިހުތިރާމް ލިބިގެނވާ އިތުބާރުވެރި ބަޔަކަށް ހަދާނެ ކަމަށް -- ސަން ޕޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މާރިޔާ ވިދާޅުވީ ހުރިހާ ކަމަކީވެސް އެކަމެއް ހިނގައި ދިޔަ ގޮތެއްގެ ހަގީގަތް ބަލައި އޭގެ ތެރެއިން ފިޔަވަޅުތަކެެއް އަޅައި ރަގަޅުކުރުމަށްޓަކައި ކަންތައްތަކެއް ކުރެވޭނެ ކަމެއް ކަމަށެވެ. އެގޮތުން އެ ބައްލަވާ ބެއްލެވުން ހޯދުމަށް ފަހު، ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ގޮތުގެ ހާގީގަތުގެ މައްޗަށް އެކަމުގެ ހައްލު ތަންފީޒު ކުރެވޭތޯ ބައްލަވަން ޖެހޭނެ ކަަމަށެވެ.

"އަމުރަށް ނުކިޔަމަންތެރިވުމުގައި އިންތަކާއި މިންތައް ކަނޑަ އަޅަން ޖެހޭ"

މާރިޔާ އިތުރަށް ވިދާޅުވީ "އަމުރަށް ނުކިޔަމަން ތެރިވުން، ޖެހޭ ގާނޫނެއްގެ ތެރެއިން ކޮމެވެެސް ވަރަކަށް މާނަ ކުރަން. ސިފައިންނަށް އޮޅުން ފިލުވާގޮތް ހަދަން ޖެހޭ. ކޮން ލިމިޓްސް އެއްތޯ އަމުރަށް ނުކިޔަމަންތެރިވުމުގައި ހުންނަނީ، އޭގެ އިންތަކާއި މިންތައް ގާނޫނު ހަދާ މަޖިލީހުން މާނަކޮށް ސިފައިންނަށް ގައިޑެންސް ދެއްވަން އެބަ ޖެހޭ." ކަމަށެވެ.

އެކަމަނާ ވިދާޅުވީ ސިފައިންނަކީ ވަރަށް ޑިސިޕްލިން ބަޔެއް ކަމަށާއި މަތިން އަންނަ އޯޑަރުތުތަކަށް އެބޭފުޅުން ތަބާވަނީ ކަމަށެވެ. ނަމަވެސް އެފަދަ ޣައިރު ގާނޫނީ ކޮމާންޑެއް ކުރައްވާ އިރު ދެން ވާނީ ކިހިއްތޯ މަތިން ތިއްބަވާ ބޭފުޅުން ވެސް ވިސްނަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ސިފައިންނަށް ކިޔާދޭން ކޮބާތޯ އަމުރަށް ނުކިޔަމަންތެރިވުމުގެ ހާލަތަކީ، އޭގެ ގައިޑެންސް އެބޭފުޅުންނަށް ބޭނުންވޭ. ގާނޫނީ ފްރޭމް ވޯރކަކުން ނުވަތަ ގަވައިދަކުންވެސް އެބޭފުޅުންނަށް އެ ކަންކަން އޮޅުން ފިލާ ގޮތަށް އިރާދު ކުރެއްވިއްޔާ ކޮށްދޭނަން،" ރައްޔިތުންގެ މަޖިލިސްގައި ދެވަނަ ދައުރެއް އަދާކުރައްވަމުން ގެންދަވަނިކޮށް، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މަގާމާ ހަވާލުވި މާރިޔާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ސިފައިންނަށް ޣައިރު ގާނޫނީ އަމުރު ކުރައްވައި އެ މުއަސާސާއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައި ވާކަމަށާއި، ސިފައިންނަކީ ރައްޔިތުންގެ މެދުގައި އިތުބާރު ކުޑަ ބަޔެއްގެ ގޮތުގައި ކުރީގެ އިދިކޮޅު ފަރާތްތަކުން އޭރު ދިޔައީ ތުހުމަތު ކުރަމުންނެވެ.